ގާޒީ ބަދަލުކުރުމުގެ މައްސަލަ ނުނިމޭތީ އުމަރުގެ ޝަރީއަތް ކެންސަލްކޮށްފި

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރަން ހުށަހަޅުއްވާފައިވާ މައްސަލައިގައި ގޮތެއް ނުނިމޭތީ މިއަދު ބާއްވަން ތާވަލްކުރި މިމައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ކުރިން ވެސް އުމަރު މައްްސަލަ ބެއްލެވި ކްރިމިނިލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީގެ ސެކްޝަނުގައި މިއަދު ތާވަލްކޮށްފައި އޮތް މައްސަލައިގެ އަޑުއެހުން ކެންސަލް ކުރީ ގާޒީ ބަދަލުކުރުމާއި މެދު ވަކިގޮތެއް ނިމިފައި ނުވާތީ ކަމަށް ކްރިމިނަލް ކޯޓުން ވެސް ބުނެ އެވެ.
އުމަރުގެ މައްސަލަ ތާވަލްކޮށްފައި އޮތީ މިއަދު މެންދުރު 12:00 ޖެހިއިރު އެވެ.
ގާޒީ ބަދަލުކުރުމާ މެދު ގޮތެއް ނުނިންމޭތީ މިއަދުގެ އަޑުއެހުން ކެންސަލްކޮށް ދިނުމަށް އުމަރުގެ ފަރާތުން ކޯޓަށް ސިޓީ އެއް ފޮނުއްވި ނަމަވެސް އެ ސިޓީ ކޯޓުން ބަލައިގެންފައި ނުވާ ކަމަށް ވީނިއުސް އަށް ވަނީ އެނގިފަ އެވެ.
އުމަރުގެ މައްސަލަ ބައްލަވާ ގާޒީ އަދި ޖޭއެސްސީގެ ނައިބް ރައީސް އަބްދުﷲ ދީދީ ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެން އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން އަށާއި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދަށް އުމަރު ހުށަހެޅުއްވީ ނިމިގެންދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު އެވެ. މިގޮތަށް އުމަރު އެދިވަޑައިގެންނެވީ މައްސަލަ ބައްލަވާ ގާޒީ މާބޮޑަށް ޒާތީވެވަޑައިގެން ކަންކަން ކުރައްވާތީ އުމަރާ ދެކޮޅަށް އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންދެވިދާނެ ކަމަށް އުމަރު ގަބޫލުނުކުރައްވާތީ ކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެެ.
އުމަރުގެ މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ މިއަދު ބާއްވަން އޮތް އަޑުއެހުމަކީ އެންމެފަހުގެ އަޑުއެހުން ކަމަށެވެ. އަދި އުމަރުގެ ފަރާތުން ނެގި އިޖުރާއީ ނުކުތާ ބަލައި ނުގަތުމަށާއި ކޯޓުގެ އެ ނިންމުން ލިޔުމުން ދިނުމަށް އުމަރުގެ ވަކީލު އެދުމުން ގާޒީ އަބްދުﷲ ދީދީ ވަނީ އެ ދުވަހުގެ އަޑުއެހުމުގައި އެކަމަށް ވެސް ދެކޮޅު ހައްދަވާފަ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން ކުރާ ޖިނާއީ ދައުވާ އަކީ ރާއްޖޭގެ ތާރީހުގައި ދައުލަތުގެ ވަޒީރެއްގެ މައްޗަށް ހިންގާ މިފަދަ ފުރަތަމަ ޝަރީއަތެވެ.
އުމަރުގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރެއްވި ކަން އަދި ޔަގީންކުރެވިފައި ނެތް ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ގާޒީ ބަދަލުކޮށްދެއްވުމަށް ސިޔާމް އެދިވަޑައިގަތުމުން އެކަން ވަނީ ހަމަޖައްސައިދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ