ރައީސްގެ އާލާސްކަންފުޅަކީ ރައްޔިތުން ވިސްނަންޖެހޭ ކަމެއް: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމުގެ އާލާސްކަންފުޅުގެ ވާހަކަ ދެކެވޭހިނދު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓާ މުހައްމަދު ޖަމީލު އަހުމަދު ހަރަކާތްތެރިވެވަޑައިގަންނަވަން ފެށުމަކީ ރައްޔިތުން ފުންކޮށް ވިސްނަން ވެއްޖެ ކަމެއްކަމުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އިއްޔެ "މިނިވަން ރޭޑިއޯ" ގެ ހާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެޕްރޮގްރާމްގައި ވާހަކަ ފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ނައިބު ރައީސްގެ ހަރަކާތްތައް ފެންނަން ޖެހޭނީ ރައީސްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ނުކުރެއްވޭނޭ ހާލަތެއް ރައީސްއަށް މެދުވެރިވެވަޑައިގަތުމުން ނުވަތަ އެފަދަ ހާލަތެއް މެދުވެރިވެދާނޭކަމަށް ގަބޫލުކުރެވޭ ހިނދެއްގައިކަމަށެވެ. އަދި ނައިބު ރައީސް މިހާރު ހަރަކާތްތެރިވެވަޑައިގަންނަވަން ފަށްޓަވާފައިވުމުން އެފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް ނުވަތަ މެދުވެރިވަމުންދާކަމަށް ގަބޫލުފުޅުކުރެއްވޭކަމަށް ނަޝީދު ވިދާޅުވިއެވެ.
"ވެރިކަމުގެ ފުރިހަމަ ބާރުތައް ހިފެހެއްޓެވޭނެ ނުވަތަ ހިންގެވޭނެ ގޮތަށް ވެރިކަމުގައި ހުންނެވެން ނެތް ހާލުކޮޅުގައި، ދެން ކަންކުރައްވަންވީ ގޮތްކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ވެސް އެގޮތައް. ރައީސް ޔާމިން ފަރުދާގެ އަނެއް ފަރާތުން، ރައްޔިތުންނަށް ފެންނަން ނެތްގޮތުގައި ކީމަ ކޮޅުގައި އިންނަވައި، ބަސްފުޅު ވިދާޅުވެގެން އެކުރައްވަމުން ގެންދަވާ ވެރިކަމާމެދު ކަންބޮޑުވެވަޑައިގަންނަވާ. ރައީސް ޔާމިން ވެރިކަން ކުރައްވާ ވައްޓަފާޅިއާއި، ފާޑާއި އަދި ބައްޓަމަކީ ރާއްޖޭގެ ރައްޔިތުން ހޯދާފައިވާ ޑިމޮކްރެޓިކް ގާނޫނު އަސާސީ ތަސައްރަފްކުރާ ވެރިކަން ކުރުމުގެ ގޮތެއްވެސް ނޫން" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސިއްރިޔާތުގައި ވެރިކަން ކުރެއްވުމާއި ސާފުސީދާ މައުލޫމާތު ރައްޔިތުންނަށް ނުދެއްވުމަކީ ރައްޔިތުން ދެކެން ބޭނުންވާ ޑިމޮކްރެސީގެ ނިޒާމުގެ ވެރިކަމުގެ ވައްޓަފާޅިއާ ވަރަށް ތަފާތު ގޮތެއް ކަމަށާއި އެހެންކަމުން އެ ވައްޓަފާޅިއާ މުޅިން ތަފާތުކޮށް ރައީސް ޔާމިން އަމަލުކުރެއްވުމަކީ ނުހަނު ކަންބޮޑުވެވަޑައިގަންނަވާކަމެއް ކަމަށެވެ.
"ރައީސް ޔާމިން އާލާސްކަންފުޅާހުރެ އެމަނިކުފާނަށް ހައްޖުގެ މަތިވެރި އަޅުކަން އަދާނުކުރެއްވުނު ވާހަކަތައް ނުހަނު ބޮޑަށް ދެކެވޭ. އެމަނިކުފާނުގެ ހައްޖު ދަތުރުފުޅަކީ އަމިއްލަފުޅު ޒާތީ ކަމެއްގެ ގޮތުގައި ދެކެވެން ނެތް." ނަޝީދު ވިދާޅުވިއެވެ.
ދިވެހި ތާރީހަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ ހާޖީ އިމާދުއްދީނާއި، އަބްދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނާއި، މަލިން މޫސާ ކަލޭފާނު ފަދަ ދިވެހި ވެރިންގެ ޙައްޖު ދަތުރުފުޅުތައް ވެގެން ގޮސްފައިވަނީ ވެސް ދިވެހި ދައުލަތުގެ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި ދިވެހި ވެރިންގެ ސިއްހީ ހާލުކޮޅަކީ ދިވެހިރައްޔިތުންނަށް ސާފުވާންޖެހޭކަމެއްގެ ގޮތުގައި ވެސް ނަޝީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
މީގެއިތުރުން އެޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އަލްއަމީން މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އާލާސްކަންފުޅުގައި ވަރަށް ގިނަ ދުވަހު ކޮޅުނބުގައި އުޅުއްވަން ޖެހިވަޑައިގަތްކަމަށާއި އަދި އެމަނިކުފާނުގެ އާލާސްކަންފުޅުގެ ވާހަކަ ކޮޅުނބުގައި ހުންނަވައިގެން ސިޓީފުޅެއް ފޮނުއްވައި، ވަރަށް ޞަރީޙަ ބަސްފުޅުން ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނު އެކަން އަންގަވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ