ދައުލަތުން އެދިގެން މުސްތަފާގެ ފުޑް ކްލަބުގެ މައްސަލަ ކޯޓުން ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު މުހައްމަދު މުސްތަފާގެ ފުޑް ކްލަބް ރެސްޓޯރަންޓުގެ މައްސަލަ ބަންޑާރަ ނާއިބުގެ އޮފީހުން އެދިގެން ސިވިލް ކޯޓުން ބާތިލްކޮށްފި އެވެ.
މުސްތަފާގެ ހިއްސާ އޮންނަ ޔުނައިޓެޑް ފެމިލީ ޕްރޮޕަޓީސްގެ ފަރާތުން ހިންގާ ފުޑް ކްލަބުގެ މައްސަލަ ދައުލަތުން ކޯޓަށް ވައްދާފައި ވަނީ އެތަނުގެ ކުލި ނުދައްކައިގެންނެވެ. އޯގަސްޓް ،31 2010 ގެ ނިޔަލަށް އެކަނި ވެސް އެ ތަނަށް ކުލީގެ ގޮތުގައި 3،617،483ރ. ދައްކަންޖެހިފައިވެ އެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ފުޑް ކްލަބް ރެސްޓޯރަންޓް ކުއްޔަށް ދިނުމުގެ އެގްރިމެންޓް ހަދާފައި ވަނީ މާލޭ މުނިސިޕަލްޓީއާ އެކު ކަމަށާއި މުނިސިޕަލްޓީ މާލޭ ސިޓީ ކައުންސިލަށް ބަދަލުވެ، އަމިއްލައަށް ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައްގު އެ ކައުންސިލަށް ލިބުމުން، ބަންޑާރަ ނައިބުގެ އޮފީހަށް އެތަން ތަމްސީލު ނުކުރެވޭނެ ކަމަށް އެ އޮފީހުން ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ކޯޓުން އެ މައްސަލަ ބާތިލުކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހުން އެދުނު ކަމަށް ކޯޓުން ބުންޏެވެ. އަދި ދައުވާކުރާ ފަރާތުން މައްސަލަ ބާތިލްކުރުމަށް އެދުމުން ކޯޓުން ވާނީ އޯގަސްޓް 18 ގައި އެ މައްސަލަ ބާތިލްކޮށްފައި ކަމަށް ވެސް ސިވިލް ކޯޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ