ގަވާއިދުގެ އަކުރަކާ ބެހޭ މައްސަލައިގެ ތެރެއަށް ޕީއޭ ވަނުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފި

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައި "ރުހުން ދިނުން" ބަޔާންކުރާ 171 ވަނަ މާއްދާގެ (ވ) އުވާލުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަނުމަށް އިދިކޮޅު ޕީޕަލްސް އެލަޔަންސް (ޕީއޭ) އަށް ސުޕްރީމް ކޯޓުން ހުއްދަ ދީފި އެވެ.
ޕީއޭގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފު އާދަމް މިއަދު ވިދާޅުވީ އެ މައްސަލައިގައި ޕާޓީ ތަދައްޚުލުވުން ނުވަތަ މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރުސަތު ސުޕްރީމް ކޯޓުން ދިނީ އެކަމަށް އެދި މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅުމުން ކަމަށެވެ.
"އެކަމާ ގުޅޭ ފޯމް މިއަދު ހަވީރު ހަތަރެއްގެ ކުރިން ހުށަހެޅުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަންގާފައި. އަދި އަޅުގަނޑުމެން ބައިވެރިވެގެން ފުރަތަމަ ބާއްވާ އަޑު އެހުން މާދަމާ އޮންނާނެ ކަމަށް ވެސް ވަނީ އަންގާފައި. އަޅުގަނޑުމެންނަށް އެ އަޑު އެހުމުގައި ބައިވެރިވެވޭނެކަން ވަނީ ސުޕްރީމް ކޯޓުން އަންގާފައި،" ޝަރީފު ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރުސަތު ޕީއޭ އަށް ދިން އިރު އެ ޕާޓީން ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ ޑީއާރުޕީން ވެސް ވަނީ މައްސަލައިގެ ތެރެއަށް ވަންނަން ހުށަހަޅައިފަ އެވެ. އެކަމަކު އެ ޕާޓީ އަށް ސުޕްރީމް ކޯޓުން އެ ފުރުސަތު ދިން ކަމެއް ނޭނގެ އެވެ.
ޕީއޭއިން ބުނީ މި މައްސަލައިގެ ތެރެއަށް ވަނުމަށް ނިންމީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތަޖުރިބާ އަށް ބަލާއިރު ކޯޓުގައި އެ ޕާޓީން ކޮންމެހެން ވަކާލާތު ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ.
"މީގެ ކުރިން ވެސް ހަމަ އެ މާއްދާގެ ދަށުން ބޭފުޅުންނާ އިންޓަވިއު ކުރައްވާފައި އެބަހުރި. ހަމައެކަނި ވަޒީރުންނާ ޖެހުމުން މީގައި މައްސަލަތަކެއް މި އުޅެނީ. އެހެންވީމަ އަޅުގަނޑުމެން މީގައި އިންޓަވިން ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި،" ޕީއޭގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރަކު ވިދާޅުވި އެވެ.
ޑީއާރުޕީން ނެރުނު ބަޔާނެއްގައި ބުނެފައި އެ މައްސަލައިގެ ތެރެއަށް ވަންނަން ބޭނުންވީ އެއީ ޑީއާރުޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރަސްމީ މަސައްކަތްތަކަށް އަސަރުތަކެއް ކުރުވަފާނެ ފަދަ މައްސަލައަކަށް ވާތީ ކަމަށެވެ. އަދި އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭއިރު އެ ގަވައިދު އެކުލަވާލައި ފާސްކުރުމުގައި ޑީއާރުޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ދައުރެއް ވެސް އޮވެފައި ގަވާއިދަށް އަންނަ ބަދަލަކުން ޕާޓީގެ މެމްބަރުންނަށް ވެސް އަސަރުތަކެއް ކުރުން އެކަށީގެންވާތީ އެ މައްސަލައިގެ ތެރެއަށް ވަންނަން ބޭނުންވީ ކަމަށް ޑީއާރުޕީން ބުނެ އެވެ.
ސުޕްރީމް ކޯޓުގެ ޝަރީއަތުގައި ރައްޔިތުންގެ މަޖިލީހުން ޖަވާބުދާރީވާން ޖެހޭ ހައިސިއްޔަތު ސާފުކޮށްދިނުމަށް އެދިފައިވާނެ ކަމަށާއި އެ މައްސަލައިގެ އަޑުއެހުން ބޭއްވިއިރު އެ ހައިސިއްޔަތު ސުޕްރީމް ކޯޓުން ސާފުކޮށްދީފައި ނެތް ކަމަށް މަޖިލިހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ