ވާލްޑް ޓެކްނޮލޮޖީ އެވޯޑް ރައީސް ނަޝީދަށް ލިބިވަޑައިގެންފި

ވާލްޑް ޓެކްނޮލޮޖީ ނެޓްވާކްގެ ފަރާތުން ކޮންމެ އަހަރަކު ދޭ "ވާލްޑް ޓެކްނޮލޮޖީ އެވޯޑް" ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް މި އެވޯޑު ލިބިވަޑައިގަތީ އާ ޓެކްނޮލޮޖީއަށް މަގުފަހިކުރާ ސިޔާސަތު ކަނޑައެޅުމުގެ ދާއިރާއިންނެވެ.
ނޮވެމްބަރު 30 އިން ޑިސެމްބަރުމަހުގެ 1 އަށް އެމެރިކާގެ ނިއުޔޯކުގައި ބޭއްވި "ވާލްޑް ޓެކްނޮލޮޖީ ސަމިޓް 2010" ނިންމުމުގެ ގޮތުން ބޭއްވި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މި އެވޯޑާ ހަވާލުވެވަޑައިގަތީ ރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަބްދުލްޣަފޫރު މުހައްމަދެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މި އެވޯޑް ލިބިވަޑައިގަތީ، ބައިނަލްއަގުވާމީ މައިދާނުގައި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ސިޔާސަތު ކަނޑައެޅުއްވުމުގައި އެމަނިކުފާނު އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ޚާއްސަ ގޮތެއްގައި 2020ގެ ކުރިން ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެއްދެވުމަށް އެމަނިކުފާނު ކަނޑައަޅުއްވާފައިވާތީ އެކަން ފާހަގަކޮށެވެ.
ސިޔާސަތު ކަނޑައެޅުމުގެ ދާއިރާއިން މިއަހަރުގެ އެވޯޑު ރައީސް ނަޝީދަށް ލިބިވަޑައިގަތީ މި ދާއިރާއިން ނޮމިނޭޓްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބިވަޑައިގަންނަވައިގެންނެވެ. ނޮމިނޭޓްވި ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނަޖީގެ ސެކްރެޓަރީ އޮފް އެނަޖީ ސްޓީވަން ޗޫއާއި އެމެރިކާގެ މެރިލަންޑް ސްޓޭޓްގެ ގަވަނަރު މާޓިން އޯ މެލީއާއި ނިއުޔޯކްގެ ގަވަނަރު ޑޭވިޑް ޕެޓަސަން ހިމެނިވަޑައިގެންފައިވެއެވެ.
ވާލްޑް ޓެކްނޮލޮޖީ އެވޯޑާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ރަސްމިއްޔާތުގައި އަބްދުލްޣަފޫރު އިއްވެވި ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމުގައި ސައެންސާއި ޓެކްނޮލޮޖީގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ބިންތިރި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ސަލާމަތްވެ، ހަކަތައިގެ ރައްކާތެރިކަމާއި ރައްކާތެރި ތިމާވެށްޓެއް ބިނާކުރުމުގައި އިންސާނިއްޔަތުގެ އެންމެ މުހިންމު ވަސީލަތްކަމުގައިވާ ހުނަރުވެރި އަދި ތައުލީމީ މީހުންގެ ވިސްނުމާއި ބާރުގައި މުސްތަގްބަލުގެ އާ ޓެކްނޮލޮޖީތަކާ ދިމާއަށް ދުނިޔެ ގެންދަންޖެހޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ވާލްޑް ޓެކްނޮލޮޖީ ސަމިޓަކީ ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރި ކުންފުނިތަކާއި ޖަމާއަތްތަކާއި ފަރުދުން އެއްތަނަކަށް ޖަމާވެ ސައެންސާއި ޓެކްނޮލޮޖީއާބެހޭ އެންމެ ފަހުގެ މައުލޫމާތު ބަދަލުކުރުމަށް ވާލްޑް ޓެކްނޮލޮޖީ ނެޓްވާކުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ބާއްވާ ސަމިޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ