މަޖިލީހުން ރުހުން ދިނުމަކީ ކޮބައިކަން ސާފުކުރުމަށް ސުޕްރީމް ކޯޓަށް ދާންޖެހޭ: މަޖިލީހުގެ ނާއިބު ރައީސް

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 (ވ) އާ މެދު ސުޕްރީމް ކޯޓުން ކޮންމެ ގޮތަކަށް ނިންމިޔަސް މަޖިލީހުގެ މެމްބަރުންގެ މެދުގައި މިހާރު އުފެދިފައިވާ ނުތަނަވަސް ކަމަށް ހައްލެއް ލިބޭނީ ރުހުން ދިނުމަކީ ކޮބައިކަން ސާފުކުރުމަށް ސުޕްރީމް ކޯޓަށް ގޮސްގެން ކަމަށް މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ދިއްގަރު ދާއިރާގެ ވެސް މެމްބަރު ނާޒިމް ވިދާޅުވީ ރުހުން ދިނުމަކީ ކޮބައިކަން ސާފުކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ދާންޖެހެނީ މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ މަޖިލީހުގެ މަސައްކަތްތައް ވަރަށް ބޮޑަށް ކުރިމަގުގައި ބަނަވެދާނެތީ ކަމަށެވެ. އެ ގޮތުން ވަޒީރުންނަށް ރުހުން ދޭނީ ގަނޑުކޮށްތޯ ނުވަތަ ވަކިވަކިންތޯ ކަނޑައެޅުމުގައި މިހާރު ވެސް މަޖިލީހުގައި ތަމްސީލުކުރާ އެންމެ ބޮޑު ދެ ޕާޓީ ޑީއާރުޕީ އާއި އެމްޑީޕީ އަށް އެއްގަލަކަށް ނޭރިފައިވާ އިރު އެކަމާ ގުޅިގެން ކުރިމަގުގައި މަޖިލީހުގެ މަސައްކަތް ހުއްޓިދާނެ ކަމުގެ އިންޒާރު ނާޒިމް ދެއްވި އެވެ.
"އަޅުގަނޑުމެން ރިއާސަތު ބަލަހައްޓާ މީހުންގެ ގޮތުން ބުނަން ޖެހެނީ ރުހުން ދިނުމަކީ ކޮބައިކަން ސާފުވާން އެބަ ޖެހެއޭ. ސުޕްރީމް ކޯޓުގައި މިހާރު އޮތް މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް ރުހުން ދިނުމަކީ ކޮބައިކަން ސާފުނުވެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަކަށް އަޅުގަނޑު ނުދެކެން،" ނާޒިމް ވިދާޅުވި އެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ތިން ހުށަހެޅުމެއް މަޖިލީހަށް އަންނާނެ. އެއީ ރުހުން ދޭނީ ގަނޑުކޮށްތޯ އާއި ވަކިވަކިންތޯ އަދި ރުހުން ދިނުމަކީ ކޮބައިކަން ސުޕްރީމް ކޯޓުން ކަނޑައެޅުން. ރުހުން ދޭނީ ވަކިވަކިން ކަމަށް [މަޖިލިހުން] ފާސްވެއްޖިއްޔާ އެމްޑީޕީން ދުލެއް ނުދޭނެ. ހަމަ އެގޮތަށް ގަނޑުކޮށް ކަމަށް ފާސްވެއްޖިއްޔާ ޑީއާރުޕީން ދޫނުދޭނެ. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި ރުހުން ދިނުމަކީ ކޮބައިކަން ސާފުކުރުމަށް ސުޕްރީމް ކޯޓަށް ގޮސްގެން ހައްލެއް އޮތީ. މަޖިލީހުގައި ފުރަތަމަ ވޯޓަށް އަހަން ޖެހޭނީ ވެސް ސުޕްރީމް ކޯޓަށް ދާން ފެނޭތޯ ބެލުމަށް. އެހެން ނޫނީ އަނެއް ދެ ގޮތް ފާސް ވިޔަސް މައްސަލަތައް ނުކުންނާނެ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މައްސަލަ އަށް ހައްލެއް ހޯދުމަށް މިހާރު ވެސް މަޖިލީހުގެ ރިޔާސަތުން މަސައްކަތްތަކެއް ކުރައްވާފައިވީ ނަމަވެސް ހައްލެއް ހޯދިފައެއް ނެތެވެ. އެގޮތުން ދެ ފަރާތުން ވެސް ދޫދެމުން ނުދާކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ރުހުން ދިނުމަކީ ކޮބައިކަން މާނަކުރުމަށް ސުޕްރީމް ކޯޓަށް ދާންޖެހޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އެހެން ނަމަވެސް އަދި އެކަމާ މެދު އަދި ވަކި ގޮތެއް މަޖިލީހުން ނިންމާފައެއް ނެތެވެ.
ރުހުން ދިނުމަކީ ކޮބައިކަމާ މެދު މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައިވާއިރު ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޑިސެމްބަރު 1 ގެ ކުރިން ފިނޭންސް މިނިސްޓަރު އަލީ ހާޝިމް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާކަން ވެސް ނާޒިމް ފާހަގަކުރެއްވި އެވެ. އަދި އެ ފުރުސަތު ސަރުކާރަށް ދެއްވުމަށް މަޖިލީހުގެ ރިޔާސަތުން ބޭނުންވި ނަމަވެސް އެ ހިސާބަށް ދާއިރު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަށް ގޮތެއް ނުނިމިއްޖެ ނަމަ އިދިކޮޅު ފަރާތްތަކުން އެކަމަށް ފުރުސަތު ނުދޭނެއިރު އެކަމަށް ހައްލެއް ހޯދަން އުނދަގުވާނެ ކަމަށް ނާއިބު ރައީސް ވިދާޅުވި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މެމްބަރުންގެ މެދުގައި މިހާރު އެންމެ ބޮޑަށް ހޫނުވެފައިވާ އެއްކަމަކީ ރުހުން ދޭނީ ގަނޑުކޮށްތޯ ނުވަތަ ވަކިވަކިންތޯ އެވެ. އެކަމާ މެދު ވަކި ގޮތެއް ކަނޑަނޭޅިފައިވާއިރު ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން އެ ބޭފުޅުން މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީ އަށް ހާޒިރު ކުރެއްވުމާ މެދު ސުޕްރީމް ކޯޓުގެ ލަފައަކަށް ދައުލަތުން މިހާރު ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ