މުޒާހާރައާ ގުޅިގެން 50،000ރ. އިން އެމްޑީޕީ ޖޫރިމަނާ ކުރައްވައިފި

ސިޔާސީ ޕާޓީގެ ގަވައިދާ ހިލާފަށް މުޒާހަރާއެއް ކޮށްފައިވާތީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބައިލައްކަ ރުފިޔާ އިން މިއަދު ޖޫރިމަނާ ކުރައްވައިފި އެވެ. މިއީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ތައާރަފުކޮށް ހިންގަން ފެށިފަހުން ގަވައިދާ ހިލާފުވެގެން ޕާޓީއެއް ޖޫރިމަނާކުރެއްވި ފުރަތަމަ ފަހަރެވެ.
އެމްޑީޕީ ޖޫރިމަނާކުރައްވަން ޖެހިވަޑައިގަތް ސަބަބެއް ކަމަށް ކޮމިޝަނާ އޮފް އިލެކްޝަންސް ކދ. އަހުމަދު މަނިކުގެ ބަޔާނެއްގައި މިއަދު ވިދާޅުވެފައި ވަނީ، "އެ ޕާޓީން މުޒާހަރާއެއް ބާއްވަން އުޅޭކަމުގެ މައުލޫމާތު އެ ޕާޓީގެ ވެބްސައިޓުން ލިބިވަޑައިގަތުމާ ގުޅިގެން، އެކަން އެ ގޮތަށް ނުކުރުމަށް އެ ޕާޓީގެ ރައީސަށް، ކޮމިޝަނާ ފޮނުއްވި ސިޓީއަކުން އެންގެވުމުން ވެސް، އެ ކަމަށް ސަމާލުކަމެއް ދެއްވުމަކާ ނުލައި 24 ޖެނުއަރީ 2006 ވީ އަންގާރަ ދުވަހުގެ ހަވީރު މާލޭ އިރުމަތީފަރާތު ހިތްފަސޭހަ މައިދާނުގައި މުޒާހަރަާއެއް ބާއްވައިފައި ވާތީ" ކަމަށެވެ.
ކޮމިޝަނާ އޮފް އިލެކްޝަންސް އެމް.ޑީ.ޕީ ޖޫރިމަނާކުރައްވައިފައިވާ އަދަދަކީ ސިޔާސީ ޕާޓީއެއް ޖޫރިމަނާ ކުރެވޭނެ އެންމެ ބޮޑު އަދަދެވެ.
ސިޔާސީ ޕާޓީގެ ގަވައިދު 31 ވަނަ މާއްދާ ބުނާ ގޮތުން، އެ މާއްދާއާ ހިލާފުވާ ފަރާތްތައް 000` 25ރ. އާއި 000` 50ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ.
ކޮމިޝަނާ އޮފް އިލެކްޝަންސްގެ ދެ ސަފުހާގެ ބަޔާނުގައި ވާގޮތުގައި ޖޫރިމަނާގެ އެންމެ މަތީ އަދަދުން އެމް.ޑީ.ޕީ ޖޫރިމަނާކުރެއްވީ "މަގުމަތީގަ އާއި އާންމު ތަންތާނގައި މުޒާހަރާކުރުމަކީ ރާއްޖޭގެ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމާއި، މިއީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަން ގެއްލިދާ ފަދަ ކަމަކަށް ވާތީ، މިކަން މިގޮތަށް ނުކުރުމަށް ކަމާ ބެހޭ ދާއިރާތަކުން ތަކުރާރުކޮށް އަންގަވައި އިއުލާންކުރައްވަމުން ގެންދަވާފައި ވަނިކޮށް މުޒާހަރާކޮށްފައިވާތީ" އެވެ.
ސިޔާސީ ޕާޓީގެ ގަވައިދުގެ 31 ވަނަ މާއްދާގެ "ބ" ގައި ބުނާ ގޮތުން މިސްކިތްތަކާއި ހޮސްޕިޓަލްތަކާއި މަގުތަކާއި އާންމު މައިދާންތަކުގެ އިތުރުން ކުޅިވަރު ދަނޑުތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތައް ބޭއްވުމަކީ މަނާކަމެކެވެ.
ކޮމިޝަނާގެ ބަޔާނުގައި، ސިޔާސީ ޕާޓީތައް އުފެދިފައި ވަނީ ދިވެހި ރާއްޖޭގައި ސުލްހަވެރިކަމާ އެކު ޕާޓީގެ ހަރާކާތްތައް ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ކަމަށް ވާތީ އާއި އިސްލާހުގެ މަގުގައި ހުރިހާ ޕާޓީއަކުން ވެސް ސުލްހަވެރިކަމާ އެކު ވާހަކަ ދައްކައި އެއްބައިވަންތަކަމުގެ ރޫހެއްގައި މަސައްކަތްކޮށް ސިޔާސީ ޕާޓީތަކުގެ ހަރާކާތްތައް ސިޔާސީ ޕާޓީގެ ގަވައިދުގެ އިމުގެ ތެރޭގައި ހިފެހެއްޓެވުމަށް ޕާޓީތަކުގެ ވެރިންނާއި މެމްބަރުންނަށް އިލްތިމާސްކުރައްވައިފައި ވެސް އެވެ.
އެމްޑީޕީގެ ޖޫރިމަނާއާ ގުޅިގެން އިތުރު މައުލޫމާތު އޮޅުންފިލުވަން ކޮމިޝަނާ އޮފް އިލެކްޝަންސާ ފޯނުން ގުޅުމުން ވިދާޅުވީ އިލެކްޝަނާ ބެހޭ ކަމެއް ފިޔަވައި މައުލޫމާތެއް ދެއްވޭނީ ލިޔުމަކުން ކަމަށެވެ.
އެމްޑީޕީގެ އިސް ތަރުޖަމާނު ހާމިދު އަބްދުލް ޣަފޫރު މިއަދު ވިދާޅުވީ ޖޫރިމަނާއާ ބެހޭ ގޮތުން ކޮމިޝަނާ އޮފް އިލެކްޝަންސްގެ ސިޓީއެއް އެ ޕާޓީ އަށް ލިބިފައިވާ ކަމަށާއި އެކަމަކު އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވެވޭވަރު ވާނީ އަދި ތަންކޮޅެއް ފަހުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ