ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ: ކެމްޕޭން ކުރުމުގެ ފުރުސަތު ފަހިކުރުމަށްޓަކައި ރިޔާސީ އިންތިހާބުގެ ގާނޫނުގެ މާއްދާއަކަށް އަމަލުކުރުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދުރާލައި ކެމްޕެއިން ކުރުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ތަނަވަސްކޮށްދިނުމަށްޓަކައި ރިޔާސީ އިންތިހާބުގެ ގާނޫނުގެ ނުވަ ވަނަ މާއްދާއަށް އަމަލުނުކޮށް މަޑުޖައްސާލުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނު (ގާނޫން ނަމްބަރު 98/ 1) ގެ ނުވަނަ މާއްދާއަށް އަމަލުކުރުން ހުއްޓާލުމަށްޓަކައި ސަރުކާރުން މަޖިލީހަށް މި ހުށަހެޅީ އެ ގާނޫނު އުވާލުމަށްޓަކައި ވެސް މިދިޔަ މަހުގެ ތެރޭގައި މަސައްކަތްކުރުމަށް ފަހު އެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބުގެ ގާނޫނު އުވާލުމުގެ ބިލް ސަރުކާރުން މިދިޔަ މަހުގެ ތިން ވަނަ ދުވަހު އަނބުރާ ގެންދިޔައީ އެކަމާ ދެކޮޅަށް ވަރަށް ގިނަ މެމްބަރުން ވަކާލާތުކުރެއްވުމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ އިންތިހާބުގެ ގާނޫނުގެ ނުވަނަ މާއްދާ ނުވަތަ "ރިޔާސީ އިންތިހާބުގައި ތާއީދު ހޯދުމަށް މަސައްކަތްކުރުން" ކަމަށް ކަނޑައަޅާ މާއްދާ އަށް އަމަލުކުރުން ހުއްޓުވުމަށް ސަރުކާރުން ހުށަހެޅި އިސްލާހަށް މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުންގެ ތެރެއިން އެ އިސްލާހާ ދެކޮޅަށް ވާހަކަ ދެއްކެވީ ރ. މެމްބަރު އިބްރާހިމް ޝަހީދު ޒަކީ އާއި މާލޭ މެމްބަރު އިބްރާހިމް އިސްމާއީލް (އިބުރާ) އާއި ތ. މެމްބަރު ހަސަން އަފީފު އެކަންޏެވެ.
ތިން މެމްބަރުން ވެސް ޖުމްލަކޮށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ނުގެނަޔަސް، އިންތިހާބުގައި ކެމްޕެއިން ކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށާއި އެއީ މަނާކަމެއް ނޫން ކަމަށެވެ. އަދި އެ އިސްލާހު ގެނަޔަސް ނުގެނަޔަސް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
އިބުރާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާން ގަސްދުކުރާ ކަމަށް މީހަކު ބުނުމަކީ އެއީ މަނާކަމެއް ނޫން ކަމަށާއި އެގޮތަށް ބުނުމަކީ ގާނޫނު އަސާސީގެ 25 ވަނަ މާއްދާއާ ހިލާފު ކަމެއް ނޫން ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގެ ނުވަ ވަނަ މާއްދާ އަކީ ގާނޫނު އަސާސީއާ ހިލާފު އަދި ބާތިލު މާއްދާއެއް ކަމަށް ވެސް އިބުރާ ވިދާޅުވި އެވެ.
ބިލާ އެއްކޮޅަށް ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ގާނޫނު މިހާރު އޮތް ގޮތުން އިލެކްޝަންސް ކޮމިޝަނަރު އިއުލާން ނުކުރަނީސް ކެމްޕެއިން ކުރުމުގެ ފުރުސަތެއް އެއްވެސް ކެންޑިޑޭޓަކަށް ނޯންނާނެ ކަމަށާއި އެއީ ގާނޫނާ ހިލާފަށް ކުރެވޭނެ ކަމެއް ކަމަށެވެ. އެހެންވެ ސަރުކާރުން ހުށަހެޅި މި އިސްލާހު ކޮންމެހެން ވެސް ބަލައިގަންނަންޖެހޭ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ފ. މެމްބަރު އަހުމަދު ހަމްޒާ ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ހުރިހާ ފައިދާއެއް ކުރާނީ ރައްޔިތުންނަށް ކަމަށެވެ.
ޏ. މެމްބަރު މުހައްމަދު އިބްރާހިމް ދީދީ (މޮޑީ) ވިދާޅުވީ އާ ގާނޫނު އަސާސީގެ ދަށުން ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު ކެމްޕެއިން ކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވަމުންދާއިރު މި އިސްލާހު ކޮންމެހެން ވެސް މުހިންމު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ