އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަކީ ޑިމޮކްރެސީއަށް ހުޅުވިގެންދާނެ މުހިންމު ދޮރެއް ކަމަށާއި އެއީ ރާއްޖެއަށް މި ދަނޑިވަޅުގައި ވަރަށް ބޭނުންތެރި އަދި ކުރަން ޖެހޭ ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އޯޕަން ސޮސައިޓީގެ އެއް މުއައްސިސް ޑރ. އަހުމަދު ޝަހީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާގެ ސަފީރު ރޮބަޓް ބްލޭކްގެ ރިޔާސަތުގެ ދަށުން ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ސިޔާސީ ޕާޓީތަކުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވީ އެއް ސަރުކާރަކުން ރާއްޖޭގައި 30 އަހަރު ވަންދެން ވެރިކަން ކޮށްފައިވާއިރު، ހުރިހާ ސިޔާސީ ޕާޓީތައް ބައިވެރިވާ އިންތިހާބެއްގެ ކުރިން ގައުމީ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލުމަކީ ޑިމޮކްރެސީއަށްޓަކައި އަޅަން ޖެހޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން އެއްބައިވަންތަ ކަމުގެ ސަރުކާރެއް ގާއިމް ކުރެވިއްޖެ ނަމަ، ސަރުކާރާ މެދު އިތުބާރު ބޮޑުވެ، އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ވެސް ވަރަށް ބޮޑަށް މަގު ފަހިވެގެންދާނެ ކަމެއް ކަމަށެވެ. ޑރ. ޝަހީދު އަދި ވިދާޅުވީ ޓްރާންސިޝަނަލް ގަވަންމަންޓެއް ނުވަތަ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލުމުގެ ވާހަކަ މިދިޔަ އަހަރު ބޭއްވި ޑީއާރުޕީ އާއި އެމްޑީޕީގެ ވާހަކަތަކުގެ ތެރޭގައި ވެސް ދެކެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ސިޔާސީ ފަސް ޕާޓީގެ ތެރެއިން އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން އެކަނި ބައިވެރިވި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވީ ފާއިތުވި 30 ވަރަކަށް އަހަރުގެ ތެރޭގައި ރައީސް މައުމޫނަށް އެކަށީގެންވާ ވަރަށް ރާއްޖެ އަށް ޑިމޮކްރެސީ ގެނައުމަށްޓަކައި މަސައްކަތް ކުރެއްވިއްޖެ ކަމަށާއި އެހެންވެ އެ ޝަރަފާއެކު އެމަނިކުފާނު ދުރަށް ވަޑައިގަތުމަށް މިއީ ލިބިވަޑައިގެންފައިވާ މުހިންމު ދަނޑިވަޅެއް ކަމަށެވެ. އަދި ވިދާޅުވީ ރައީސް މައުމޫނުގެ މި ދައުރުގައި އިސްލާހީ އެޖެންޑާ ފުރިހަމަ ކުރެއްވުމަށް ފަހު ރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގެ ކަންތައްތައް އެހެން ފަރާތްތަކުގެ އަތްމައްޗަށް ދޫކޮށްލާފައި އެމަނިކުފާނު ވަޑައިގަތުމަކީ ޑިމޮކްރެސީއަށް މަގު ފަހިވާނެ ކަމެއް ކަމަށެވެ. އޭގެ އިތުރުން ވިދާޅުވީ އެކި ގައުމުތަކަށް ޑިމޮކްރެސީ ގެނައުމަށް މަސައްކަތް ކުރެއްވި އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ ފަދަ ބޭފުޅުންނަށްޓަކައި ސްޕެއިންގެ މެޑްރިޑްގައި ހާއްސަކޮށްފައި ހުންނަ ކްލަބަށް ރައީސް މައުމޫން ވަޑައިގަތުމަށް މިހާރު ރަނގަޅު ދަނޑިވަޅެއް އެމަނިކުފާނަށް ލިބިފަޑައިގެންފައިވާ ކަމަށާއި އޭގެ ބޭނުން ހިއްޕެވުން މުހިންމު ކަމަށެވެ.
އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު ބައިވެރިވި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ ކުރިން ވެސް ރާއްޖެއަށް ގެނެވިދާނެ ސިޔާސީ އެތައް އިސްލާހުތަކެއް އެބަހުރި ކަމަށާއި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި އެއީ ނުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. އޭގެ ތެރެއިން އޭނާ އެންމެ ބޮޑަށް ފާހަގަ ކުރެއްވި އެއް ކަމަކީ ޝަރުއީ ދާއިރާ މުސްތަގިއްލު ކުރުމާއި އިލެކްޝަންސް ކޮމިޝަނަރުގެ މަގާމު ފަދަ މަގާމުތައް މުސްތަގިއްލު ކުރުމެވެ. އަދި ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ބާއްވަން ވާއިރަށް، ބައިނަލްއަގްވާމީ އޮބްޒާވަރުން ގެނައުމުގެ މަސައްކަތް މިހާރު ފަށަން ޖެހިފައިވާ ކަމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނީ އޭރުން ކަމަށެވެ.
ސަރުކާރުން ސިޔާސީ އިސްލާހުތައް ގެންނަވަނީ އެއްވެސް ބައެއްގެ ޕްރެޝަރަކާ ހެދީ ނޫން ކަމަށް، ސަރުކާރުގައި އުޅުއްވި އިރު ޑރ. ޝަހީދު ވިދާޅުވަމުން ގެންދެވި ނަމަވެސް އިއްޔެ އޭނާ ވިދާޅުވީ މުޅިން އެއާ ތަފާތު ވާހަކަ އެކެވެ. ބައްދަލުވުމުގައި ބައިވެރިވި މީހެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޝަހީދު ވިދާޅުވީ ރާއްޖެއަށް ސިޔާސީ އިސްލާހު އަންނަމުން ދަނީ ބައިނަލްއަގްވާމީ އަދި އެތެރޭގެ ޕްރެޝަރާ ހެދީ ކަމަށެވެ. އަދި ސަރުކާރުން އިސްލާހީ އެޖެންޑާ އެކުލަވާލެއްވީ ވެސް އެ ޕްރެޝަރުތަކާ ގުޅިގެން އެ ނޫން ގޮތެއް ނެތިގެންކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މި ބައްދަލުވުމުގައި އެމްޑީޕީ ތަމްސީލުކުރެއްވި، އެ ޕާޓީގެ އިސްތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ކ. މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރާއްޖެއަށް ސިޔާސީ އިސްލާހުތައް ގެނައުމުގައި ދިވެހި ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތް ކަމަށާއި ސަރުކާރުން ގެންގުޅެނީ ގޮތްދޫނުކުރުމުގެ ކަންތައްތައް ކަމަށެވެ. އަދި އޭނާގެ ވާހަކައިގައި ވަނީ ރާއްޖެއަށް އަންނަމުންދާ ސިޔާސީ އިސްލާހުތަކުގެ މައުލޫމާތު ދެއްވައިފަ އެވެ.
އެމެރިކާއިން މިހާރު ފާހަގަކުރަމުންދާ "ޔޫ.އެސް- މޯލްޑިވްސް ފްރެންޑްޝިޕް ވީކް"ގެ ހަފުތާގައި ހިމެނޭ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ފަންނީ ބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ މިނިސްޓްރީ އޮފް ލީގަލް ރީފޯމް، އިންފޮމޭޝަން އެންޑް އާޓްސްގެ ކޮމިޝަނާ އޮފް ލީގަލް ރިިފޯމް މުހައްމަދު އަނިލް އެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ވަރަށް ހަލުއިކަމާއެކު ކުރިއަށްދާ ކަމަށާއި ގާނޫނު އަސާސީ އިސްލާހުވުމާއެކު ރާއްޖެއަށް މުހިންމު އިސްލާހުތަކެއް އަންނާނެ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ އިސްލާހުތައް ގެންނަމުންދާއިރު، ފަހަތަށް ބެލުމެއް ނެތި މުސްތަގުބަލަށް ވިސްނައިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެމެރިކާ ސަފީރުގެ ހާޒިރުގައި ސަރުކާރުގެ އިސްވެރިން ހިމެނިވަޑައިގަންނަވާ ޑީއާރުޕީން ބައިވެރިނުވުމުން، ބައެއް މުހިންމު ސުވާލުތަކަށް ޖަވާބު ލިބިފައި ނެތްކަން އިއްޔެގެ ބައްދަލުވުމުގައި ފާހަގަ ކުރެވުނެވެ. އޭގެ ތެރޭގައި އެއްބައިވަންތަ ސަރުކާރެއް ގާއިމްކުރުމުގެ ކަންތައް ފާހަގަ ކުރެވުނެވެ. އެހެން ނަމަވެސް ޑީއާރުޕީން މި ބައްދަލުވުމުގައި ބައިވެރި ނުވި ސަބަބެއް ވަނީ އެ ޕާޓީގެ އިސް ފަރާތަކާ ގުޅޭ ގޮތް ނުވުމުން ސާފުނުވެފަ އެވެ.
އާންމު އިންތިހާބުގެ ކުރިން ގައުމީ އެއްބައިވަންތަ ސަރުކާރެއް ގާއިމްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ޑރ. ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ