ޓްރިޕޮލީ (އޮގަސްޓް 9) : ލީބިޔާގެ ވެރިކަން އެޤައުމުގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ނެޝަނަލް ކޮންގްރެސް އާ ޙަވާލުކުރުމުގެ ރަސްމިއްޔާތު ވެރިރަށް ޓްރިޕޮލީގައި ރޭ ބާއްވައިފި އެވެ.
ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ވެރިކަމާ ދެކޮޅަށް އެޤައުމުގެ ރައްޔިތުން ތެދުވުމާއެކު ގައްޒާފީގެ ވެރިކަން ވައްޓާލުމަށާއި ވަގުތީގޮތުން ލީބިޔާގެ ވެރިކަމާ ޙަވާލުވުމަށް 2011 ވަނަ އަހަރުގެ ކުރީކޮޅު އެކުލަވާލި އިންތިޤާލީ މަޖިލީހުގެ މެންބަރުންގެ ފަރާތުން ވެރިކަމުގެ ބާރުތައް، ރައްޔިތުން އިންތިޚާބުކޮށްފައިވާ ނެޝަނަލް ކޮންގްރެސް އާ ޙަވާލުކޮށްދެއްވީ އެމަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޢަބްދުލްޖަލީލު ވިދާޅުވީ ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނައުމުގައާއި ގައްޒާފީއަށްފަހު ލީބިޔާގެވެރިކަން ހެޔޮގޮތުގައިކޮށް އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި ދަމަހައްޓައި އަމާން ބަނދަރަކަށް ލީބިޔާ ގެންގޮސް ރައްޔިތުން އިންތިޚާބުކުރި އިންތިޤާލީ ޕާލަމެންޓް (ނެޝަނަލް ކޮންގްރެސް) އާ އެންމެފަހުން ވެރިކަން ޙަވާލުކުރުމުގައި އިންތިޤާލީ މަޖިލިސްވަނީ ކާމިޔާބު ދައުރެއް އަދާކޮށްފައި ކަމުގައެވެ. އަދި މިހިސާބުން އިންތިޤާލީ މަޖިލިސް އުވުނީ ކަމަށްވެސް ޢަބްދުލްޖަލީލް ވިދާޅުވި އެވެ.
ލީބިޔާގެ ވެރިކަމާ ޙަވާލުވި ނެޝަނަލް ކޮންގްރެސްއަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ 200 މެންބަރުން ހިމެނޭ ލިބިޔާގެ ވަގުތީ ޕާލަމެންޓެވެ. މިޕާލަމެންޓްގެ މުއްދަތަކީ ދޮޅުއަހަރުގެ އިންތިޤާލީ މަރްޙަލާއެކެވެ. މިއިންތިޤާލީ މަރްޙަލާގައި ވަގުތީ ޕާލަމެންޓްގެ މަސައްކަތަކީ ލީބިޔާގައި ވެރިކަންކުރުމުގެ އިތުރުން ޑިމޮކްރެޓިކް ފުރިހަމަ ނިޒާމަކަށް ލީބިޔާ ބަދަލުކުރުމަށް ބޭނުންވާ ދަސްތޫރާއި ޤާނޫނުތަކާއި މިނިވަން މުއައްސަސާތައް އެކުލަވާލުމެވެ. އަދި އިންތިޤާލީ މަރްޙަލާގައި މިމަސައްކަތް ނިންމުމަށްފަހު މިނިވަންއިންތިޚާބެއް ބާއްވައިގެން 2014 ގައި ލީބިޔާގައި ފުރިހަމަ ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމްކޮށްދިނުމެވެ.
ލީބިޔާގެ ވަގުތީ ޕާލަމެންޓުން ބާއްވާ ފުރަތަމަ ޖަލްސާގައި އެޕާލަމެންޓްގެ މެންބަރުންގެ މެދުގައި ސިއްރު ވޯޓެއްލައިގެން ޕާލަމެންޓްގެ ރައީސަކާއި ނައިބު ރައީސަކު އިންތިޚާބުކުރެވޭނެއެވެ. ލީބިޔާގެ އިންތިޤާލީ މަރްޙަލާގެ ރައީސަކަށްވާނީ ޕާލަމެންޓްގައި މިގޮތަށް އިންތިޚާބުކުރާ ރައީސެވެ. އެއަށްފަހު 30 ދުވަހުގެ ތެރޭގައި ޕާލަމެންޓްގެ ރައީސް (ދައުލަތުގެވެސް ރައީސް) ޕާލަމެންޓްގެ ތެރޭން ބޮޑުވަޒީރަކު އިޚްތިޔާރު ކުރައްވާނެއެވެ. ބޮޑުވަޒީރަކު އިޚްތިޔާރު ކުރައްވާނީ ޕާލަމެންޓްގައި އެންމެ ގިނަ ގޮނޑި ލިބިފައިވާ ޕާޓީއަކުން ނުވަތަ ކޯލިޝަނަކުންނެވެ.
ލީބިޔާގެ އިންތިޤާލީ ސަރުކާރުގެ ކެބިނެޓް އެކުލަވާލައްވާނީ މިގޮތަށް އިޚްތިޔާރުކުރެވޭ ބޮޑުވަޒީރެވެ. ބޮޑުވަޒީރު އޭނާގެ ކެބިނެޓް މެންބަރުން އިޚްތިޔާރުކުރައްވާނީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ނުވަތަ ކޯލިޝަންގައި ހިމެނޭ ޕާލަމެންޓް މެންބަރުންގެ ތެރެއިންނެވެ. އެއަށްފަހު ކެބިނެޓަށާއި ބޮޑުވަޒީރަށް ރުހުންދޭނީ ޕާލަމެންޓުންނެވެ. ޕާލަމެންޓުން ރުހުން ނުލިބިއްޖެނަމަ އަލުން ސަރުކާރު އެކުލަވާލައި ޕާލަމެންޓްގެ ރުހުން ހޯދަންޖެހޭނެ އެވެ.
ލީބިޔާގައި އެކުލަވާލެވޭ އައު ސަރުކާރުގެ މައިގަނޑު ގޮންޖެހުމަކީ ލީބިޔާގައި ޙަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކުން ހަތިޔާރު ނިގުޅައިގަނެ ލީބިޔާ އަމާންތަނަކަށް ހެދުމަށްޓަކައި ސިފައިންނާއި ފުލުހުންގެ މުއައްސަސާތައް ވަރުގަދަކުރުމާއި ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ހިނގައިދިޔަ އަހްލީ ހަނގުރާމައިގާ ލިބިފައިވާ ގެއްލުންތަކުން ޤައުމު އާރާސްތުކުރުމާއި ހަނގުރާމައިގާ ޒަޚަމްވެފައިވާ އެތައްލައްކަ ބަޔަކަށް ބޭސްފަރުވާ ކޮށްދިނުންފަދަ ކަންކަމެވެ. (އަލްޖަޒީރާ)
ލީބިޔާގެ ވެރިކަން، ރައްޔިތުން އިންތިޚާބުކޮށްފައިވާ ޕާލަމެންޓާ ޙަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ