ތިނަދޫގައި ފެންބޮޑުވެ ކޯރު ކޮންނަން އުޅެނިކޮށް ކަރަންޓު ކެނޑިއްޖެ

މެދު ނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގދ. ތިނަދޫގައި ފެންބޮޑުވެ ގޭގެ އަށް ގެއްލުން ލިބުމުގެ އިތުރުން ރަށުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ގދ. އަތޮޅުގެ ވެރިކަން ކުރާ ރަށަށް ރޭ ދަންވަރު 00: 3 އިން ފެށިގެން މިއަދު ހެނދުނު 00: 11 ހާއިރާ ހަމައަށް ބޯކޮށް ވާރޭވެހި ގޭގެއަށް ފެން ވަދެފައިވާ ކަމަށް ރަށު އޮފީހުން ބުންޏެވެ.
ކައުންސިލަރު މުހައްމަދު ޒާހިރު ވިދާޅުވިގޮތުގައި ތިނަދޫގެ ބައެއް ހިސާބުތަކުގައި ދޮޅު ފޫޓަށް ވަނީ ފެންބޮޑުވެފަ އެވެ. އަދި މީހުން ދިރިއުޅޭ 1200 އެއްހާ ގޭގެ ތެރެއިން ފަންސާހަކަށް ގެއަށް ފެނުގެ އަސަރު ބޮޑަށް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލަރު ވިދާޅުވިގޮތުގައި ފެން ހިންދަން ކޯރު ކޮނުމުގެ ތެރޭގައި ކޭބަލަކަށް ގެއްލުން ލިބުމާ ގުޅިގެން ރަށުގެ ބޮޑު ބަޔަކުން ކަރަންޓު ވެސް ވަނީ ކެނޑިފަ އެވެ.
"ގާތްގަނޑަކަށް މުޅި ރަށުގައިހެން ފެންބޮޑުވެފައި ވަނީ. ލަފާކުރެވޭ ގޮތުގައި ފަންސާހަކަށް ގެއަށް ވަނީ ކައްކާ، ކައި ނޫޅެވޭ ވަރަށް ގެއްލުން ލިބިފައި. ގެއްލުންތަކުގެ ތަފްސީލް އަދި ނުބެލޭ،" ޒާހިރު ވިދާޅުވި އެވެ. "އޭގެ އިތުރުން ކޯރު ކޮންނަން އުޅެނިކޮށް ކޭބަލެއް ކެނޑިގެން ވަރަށް ބޮޑު ސަރަހައްދަކުން ކަރަންޓު ގޮސްގެން މި އުޅެނީ."
ރަށު އޮފީހުން ބުނިގޮތުގައި ޕަމްޕު ވެސް ޖަހައިގެން ފެން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ. ނަމަވެސް ކުރިއަށް އޮތް ދެ ދުވަހު ވެސް ވިއްސާރަ ވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން މައުލޫމާތު ދީފައިވާތީ ކަމާ ބެހޭ އިދާރާތަކާއި ރައްޔިތުން ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ޒާހިރު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ގަދަ ވިއްސާރަ ތިނަދު އަށް އައީ ކުއްލިއަކަށް ކަމަށެވެ.
"ރޭ އިރުއޮއްސުނީއްސުރެ ވިއްސާރަ މި އުޅެނީ. އިއްޔެ ވެސް ވަރަށް އަވިދީފައި އޮތީ،" އޭނާ ވިދާޅުވި އެވެ. "ތިނަދު އަކީ އާއްމުކޮށް ފެންބޮޑުވާ ރަށެއް. އެހެންވީމާ އުތުރުކޮޅާއި ދެކުނުކޮޅު ދެން ފެން ކޮންޓްރޯލް ކުރަން އަލަށް ހިއްކި ސަރަހައްދުން ރަށާވީ ފަޅީގައި ހުރި ގެތަކަށް ބޮޑަށް ގެއްލުން ވެގެން މި އުޅެނީ."
މުދާ ރައްކާތެރި ކުރުމަށް ރައްޔިތުން އިސް ނެގުމަށް ކައުންސިލަރު އެދިވަޑައިގެންނެވި އެވެ.
* ތިނަދޫގައި ފެންބޮޑުވުމާ ގުޅޭ ފޮޓޯ ލިބިފައިވާނަމަ 2323 އަށް އެމްއެމްއެސް ކުރެއްވުން އެދެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ