އަދާލަތު ޕާޓީގެ އިސް ތިން މެމްބަރަކަށް އިސްލާމިކް މިނިސްޓްރީގެ އެކައުންޓަކުން ފައިސާ ދިން ކަމަށް ބުނާ މައްސަލައެއް އޭސީސީ އަށް ހުށަހަޅަ

އަދާލަތު ޕާޓީގެ އިސް ތިން މެމްބަރަކަށް އިސްލާމިކް އެފެއާޒް މިނިސްޓްރީގެ އެކައުންޓަކުން ފައިސާ ދިން ކަމަށް ބުނާ މައްސަލައެއް އަމިއްލަ މީހަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ނަމުގައި ސަރުކާރުން އެމްއެމްއޭގައި ހުޅުވާފައިވާ 410 ނަމްބަރު އެކައުންޓުން ފައިސާ ދޫކޮށްފައިވާ ކަމަށް ބުނެ ގ. ނިއުމޫން، މުހައްމަދު ރާއިދު ހުށަހެޅި މައްސަލައިގައިވާ ގޮތުން އެ ފައިސާ ދޫކޮށްފައި ވަނީ އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝޭހު މުހައްމަދު ޝަހީމް އަލީ ސައީދާއި އަދާލަތު ޕާޓީގެ އިސް މެމްބަރެއް ކަމަށްވާ އައްޝޭހު އިލްޔާސް ހުސެއިން އަދި އެ ޕާޓީގެ އިސް އެހެން މެމްބަރެއް ކަމަށް އައްޝޭހު އިބްރާހިމް ރުޝްދީ އަށެވެ. އެއިން ކޮންމެ ބޭފުޅަކަށް ވެސް ދޫކޮށްފައިވާ ކަމަށް ވަނީ 15،300ރ. އެވެ. އެއީ ޖުމްލަ 45،900ރ. އެވެ. މި ތަފުސީލާ އެކު އެ ފައިސާ އެ ތިން ބޭފުޅުންނަށް ދޫކުރި ވައުޗަރު ނަމްބަރު ވެސް މައްސަލައާ އެކު ހުށަހަޅާފައިވާ ކަމަށްވެ އެވެ.
"އަދާލަތު ޕާޓީގެ މެމްބަރު އަދި މިނިސްޓަ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް އަލްފާޟިލް މުހައްމަދު ޝަހީމް އަލީ ސައީދަށް މި ފައިސާ ދިނުމަކީ ކޮރަޕްޝަނާއި ފަސާދައިގެ އަމަލެއްކަން ނުވެ ނުދާނެކަން ޔަގީނެވެ. އެހެނީ މުހައްމަދު ޝަހީމް އަލީ ސައީދަކީ ދައުލަތުގެ މުވައްޒަފަކަށް ވެފައި، އޭނާއާ ހަވާލު ކުރެވިފައިވާ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުން ރާއްޖޭގައި އިސްލާމްދީން ފެތުރުމަށް އޭނާ ކުރާ މަސައްކަތްތަކަށް އިތުރަށް ދޭން ޖެހޭ އުޖޫރައެއް ނުވަތަ ފައިސާގެ އެހީއެއް އޮންނާނެ ކަމަށް ގަބޫލު ނުކުރެވޭތީ އެވެ،" އޭސީސީ އަށް ހުށަހެޅި މައްސަލައިގައިވެ އެވެ.
އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މަޖީދު އިއްޔެ ވިދާޅުވީ އެ މިނިސްޓްރީން އެއްވެސް ފައިސާއެއް އަދާލަތު ޕާޓީގެ ބޭފުޅަކަށް ދެއްވާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ މައްސަލައިގައި ބުނާ ފައިސާގެ ތަފުސީލުތައް ފަހުން ބައްލަވާނެ ކަމަށެވެ.
އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިސްލާމިކް އެފެއާޒް މިނިސްޓްރީގެ އެކައުންޓަކުން އަދާލަތު ޕާޓީގެ އިސް ތިން މެމްބަރަކަށް ފައިސާ ދިން މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ނަމުގައި ހުޅުވާފައިވާ 410 ނަމްބަރު އެކައުންޓަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެ މަގުސަދުގައި، ރާއްޖެ އާއި ބޭރުގެ ފަރާތްތަކުން ލިބޭ އެހީ އާއި ހަދިޔާގެ ފައިސާ ޖަމާކުރުމަށް ހުޅުވާފައިވާ އެކައުންޓެއް ކަމަށެވެ. އަދި އެ އެކައުންޓުން އަދާލަތު ޕާޓީގެ އިސް ތިން މެމްބަރަކަށް ފައިސާ ދޫކޮށްފައި ވަނީ ބޭރުގެ ޖަމާއަތްތަކުން ލިބޭ ފައިސާގެ ތެރެއިން ކަމަށް އެ މައްސަލައިގައި ތުހުމަތު ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ