ކަރަންޓް ބިލް ނުދެއްކޭ ފަރާތްތަކުގެ ބިލްތައް އަންނަ މަހުން ފެށިގެން ސަރުކާރުން ދައްކައިދޭން ހަމަޖައްސަނީ

ކަރަންޓް ބިލް ދެއްކުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކުގެ ބިލްތައް އަންނަ މަހުން ފެށިގެން ސަރުކާރުން ދައްކައިދިނުން ކޮންމެވެސް ގޮތަކަށް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ނިއުޔޯކަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުރާވަޑައިގަތުމުގެ ކުރިން ރައީސްގެ ރަސްމީގެކޮޅު މުލީއާގޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކަރަންޓް ބިލް ސަރުކާރުން ދައްކައިދޭން އެހީތެރިކަން ފޯރުކޮށްދޭން ފަށާއިރު ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
" 65 އަހަރުން މަތީގެ މީހުންނަށް ޕެންޝަން އެރުވުނުއިރު ފުރަތަމަ ފަށައިގަނެވުނުއިރު އުނދަގޫތަކެއް ހުރި. އެހެންވީމަ ދަތިތަކަކާ ވެސް ދިމާވި. އަދި ވަރަށް ގިނަ ފާޑުކިއުންތަކަކާ ވެސް ކުރިމަތިލާން ޖެހުނު. އަޅުގަނޑު އުއްމީދުކުރަން ކަރަންޓްގެ އެހީދޭއިރުގައި ކުރީގެ ތަޖުރިބާގެ އަލީގައި ބައެއް ކަންކަން ކުރެވިދާނެ ކަމަށް. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން އޮތީ އެކަމުގައި ވެސް ]ކަރަންޓް ބިލް ދެއްކުމުގައި[ ފުރަތަމަ ފަށައިގަންނަ އިރު އަޅުގަނޑުމެންނަށް ދިމާވާ ދަތިތަކެއް ހުންނާނެ އޭ. ތާށިތަކެއް ވާނެ އޭ. ރައްޔިތުންގެ ކެތްތެރިކަމާ އަދި އެކަމަށް ވިސްނާވަޑައިގަތުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" ރޯދަ މަހުގެ އެންމެ ފަހު ދުވަހު ހަވީރު ރައީސް ނަޝީދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވިދާޅުވި އެވެ. "އެހެން ނަމަވެސް އެ ޕްރޮގްރާމްގެ ދަށުން މި ދަންނަވާހެން ކަރަންޓް ބިލް ދެއްކުން ދަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ."
ކަރަންޓް ބިލް ދެއްކުމުގައި މާލީގޮތުން ތަނަވަސްކަން ނެތް ފަރާތްތަކަށް ސަރުކާރުން އަންނަ މަހުން ބިލް ދައްކައިދޭން ފަށާނެ ކަމަށް ރައީސް އިއުލާން ކުރެއްވިއިރު ކަރަންޓް ބިލާއި ފެން ބިލް ކަރަންޓާއި ފެން ބިލް ދެއްކުމަށް މާލީ ގޮތުން ދަތިވާ މީހުން ދެނެގަތުމުގެ ސާވޭއެއް ފިނޭންސް މިނިސްޓްރީން ވަނީ މި މަހު ފަށައިފަ އެވެ. އަދި އެ ސާވޭ ފޯމްގެ މައުލޫމާތު ސާފުކުރުމަށް ފަހު މި މަހުގެ 28 ގެ ކުރިން ހުށަހަޅަންޖެހޭ ކަމަށް ފިނޭންސުން ބުނެފައި ވެ އެވެ. ކަރަންޓް ބިލް ނުދެއްޭ ފަރާތްތަކަށް ސަރުކާރުން ކަރަންޓް ބިލް ދައްކައިދޭން ހަމަޖައްސަނީ، ކަރަންޓް ފީގެ އަގު ބޮޑު ކުރަން ސަރުކާރުން ވިސްނަމުން ގެންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ވިދާޅުވެފައި ވަނީ ކަރަންޓަށް ދޭ ސަބްސިޑީ އޭގެ ހައްގުވެރި ފަރާތްތަކަށް ދިނުން މާ ރަނގަޅު ކަމަށެވެ.
ހޮނިހިރު ދުވަހުގެ ނިއުސް ކޮންފަރެންސްގައި ކަރަންޓް ބިލް ސަރުކާރުން ދައްކައިދިނުމުގެ ޕްރޮގްރާމްގެ އިތުރުން ސަރުކާރުން އިއުލާން ކޮށްފައިވާ ބައެއް މަޝްރޫއުތައް ގޮސްފައިވާ ހިސާބު ވެސް ރައީސް ނަޝީދު ނޫސްވެރިންނާ ހިއްސާ ކުރެއްވި އެވެ. އެގޮތުން ރައީސް ވިދާޅުވީ ގެދޮރު އިއުލާން ކުރުމަށްޓަކައި ބިޑް ކުރުމުގެ މަރުހަލާ ނިމުނުއިރު ފަސް ފަރާތަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެ ފަސް ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޮޒަލްތަކަށް ބަލާއިރު ޖުމުލަ 4،000 ހައުސިން ޔުނިޓް އަޅާނެ ކަމަށެވެ.
"މީގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ދެ ތިން ކުންފުންޏެއް ވޭ. އޭގެ ތެރޭގައި ހާއްސަކޮށް ޓާޓާ ކުންފުނިން 1،000 ގެ އަޅައި ދިނުމަށް ހުށަހަޅާފައި އެބަވޭ. އަދި އިނގިރޭސިވިލާތުގެ ކުންފުންޏަކުން 800 ގެ އާއި އަދި ސޮނެވާފުށީގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމެއް ވޭ. ސޮނެވާފުށިން ވެސް ހުށަހަޅާފައި މިވަނީ އަޅުގަނޑުމެން އިއުލާންކުރި ހައުސިން ޕްރޮގްރާމްގެ ތެރޭގައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގެދޮރު އިމާރާތް ކުރުމަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަސް ފަރާތާއެކު ކޮންޓްރެކްޓް ކުރެވޭ ހިސާބަށް މި މަހުގެ ތެރޭގައި ނުވަތަ ހަނދުބަލާ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ކަންތައްތައް ގެންދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ