ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ކޮވިޑް-19އަށް ޕޮޒިިވްވެ، ހޮސްޕިޓަލަށް ގެންދިޔުމަށްދާންދެން ކޮންމެ ދުވަހަކުވެސް ފޯނުން ގުޅުއްވައި ހާލުކޮޅު ބެއްލެވި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އުމަރު ޒާހިރު އަވަހާރަވުމާ ގުޅުގެން “މިހާރު” ނޫހާ ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އުމަރު ޒާހިރަކީ އެފަދަ ދެވަނައެއް ނުވާނެ ހިދުމަތްތރިއެއް ކަމަށެވެ. އަދި އެއީ ގައުމީ ހަޒާނާއެއް ކަމަށާއި އުމަރު ޒާހިރު އަވަހާރަވުމަކީ މުޅި ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށް ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ އުމަރު ޒާހިރު އާލާސްކަންފުޅުގައި ހޮސްޕިޓަލަށް ގެންދިޔުމަށްދާންދެން ގާތްގަނޑަކަށް ކޮންމެ ދުވަހަކުވެސް ފޯނުން ގުޅުއްވައި ހާލުކޮޅު ބެއްލެވި ކަމަށެވެ. އަދި އޭރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވިއެވެ.
“ނުގުޅުނީ ހަމަ އާލާސްކަންފުޅާވިތަނާ، މިދެންނެވީ ފުވައްމުލަކު ދަތުރު ނިންމަފާ ވަޑައިގެން، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ދެން ކޮވިޑު ކަމަށް ސާބިތުވި، އޭގެ ފަހަކުން ނުގުޅޭ ފޯނަކުންނެއް” މައުމޫން ވިދާޅުވިއެވެ.
އުމަރު ޒާހިރު އަވަހާރަވީ ކޮވިޑް ބަލީގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު މެންދުރުފަހު 2:02ގަ އެވެ. އަވަހާރަވި އިރު، އުމުރުފުޅަކީ 85 އަހަރެވެ.
އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ، ފުވައްމުލަކުގައި އޭނާގެ އަމިއްލަ ހަރަދުގައި ބިނާކުރެއްވި މިސްކިތް ހުޅުވުމަށް ފަހު އެނބުރި މާލެވަޑައިގެންނެވި ފަހުން ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީ ޓެސްޓު ކުރެއްވުމުންނެވެ.
އުމަރު ޒާހިރަކީ 1953 ވަނަ އަހަރުން ފެށިގެން 50 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ގައުމަށް އިހުލާސްތެރި އަގުހުރި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އުމަރު ޒާހިރު އަވަހާރަވުމުން މައުމޫނަށް ފުން ހިތާމައެއް: ކޮންމެ ދުވަހަކު ގުޅައި ހާލުކޮޅު ބަލަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ