ގާޒީ އަލީ ނަސީރު ފެލިދޫ ކޯޓަށް ބަދަލުކޮށްފި
ސިވިލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި ގާޒީ އަލީ ނަސީރު ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފިއެވެ.ވިލް ކޯޓުގެ ޤާޟީ ޢަލީ ނަޞީރާ މެދު ސުލޫކީ ފިޔަވަޅު އަޅާފައިވަނީ އެކޯޓުގެ ދެ ޤަޟިއްޔާއެއްގައި ހިމެނޭ ޚަޞްމުން، އެ ދެ ޤަޟިއްޔާ އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް، އޭގެ ތެރެއިން އެއް ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދިއުމުގެ މަޞްލަޙަތެއް އެވަގުތު ނެތްކަމަށް ކަނޑައަޅައި، އެޤަޟިއްޔާގެ ދައުވާ ފޯމު ބާޠިލްކުރައްވައި ޙުކުމްކޮށްފައި ވަނީ އެޤަޟިއްޔާގެ މައުޟޫޢަށް ޙުކުމްކުރުމުގެ ބަދަލުގައި، އަހަރު ދުވަސްވެފައިވާ މައްސަލައެއް ޤާޟީގެ ސެކްޝަނުގައި ނުބޭއްވުމުގެ މަޤްޞަދުގައިކަން ތަޚްޤީޤަށް ސާބިތުވެފައިވާތީއެވެ.ޖޭއެސްސީން ވިދާޅުވީ ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަޤުޞަދުގައި މައްސަލައިގެ ޚަޞްމުން އެދިފައި ނުވާގޮތެއްގެ މައްޗަށް މައްސަލައިގައި ޙުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރުކުރުމަކީ ޢަދުލުއިންޞާފު ޤާއިމްކުރުމުގެ އަސާސީ އުޞޫލުތަކާ ޚިލާފުކަމެއްކަމަށެވެ.ގާޒީ އަލީ ނަސީރުގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނުގެ 32ވަނަ މާއްދާގެ (ހ)ގެ ފަސްވަނަ ނަންބަރާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ވަނަ ނަންބަރާ ހިލާފު އަމަލެއް ކަމުގައި ޖޭއެސްސީގެ ތަހުގީގުން ނިންމައިފައިވެއެވެ.މި މައްސަލައިގެ އިތުރުން ވެސް އޭނާގެ ގިނަ މައްސަލަތަަކެއް ޖޭއެސްސީއަށް ހުށަހަޅައިފައިވެއެވެ. އެގޮތުން ދާދިފަހުން ފެންމަތިވި ރިހިވެލި ރިސޯޓުގެ މައްސަލައިގައި ވެސް ހުކުމް ކުރުމުގެ ކުރިން މައްސަލަ ހުށަހެޅި ފަރާތަށް ހުކުމް ކުރާނެގޮތް އެނގިފައިވާ ކަމަށް ބުނެ އަލީ ނަސީރުގެ މައްސަލައެއް ޖޭއެއްސީއަށް ހުށަހަޅައިފައިވެއެވެ.މިއީ ފިޔަވަޅެއްގެ ގޮތުން ގާޒީއެއްގެ މަގާމުގެ ފެންވަރު ދަށް ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން މި ފިޔަވަޅު އެޅީ ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނެވި ގާޒީ އަހުމަދު ޝަރީފަށެވެ. އޭނާ އެ ކޯޓުން ބަދަލުކުރީ ޖުވެނައިލް ކޯޓަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ