އދގެ އާންމު މަޖިލީހުގެ ނަމޫނާ ބައްދަލުވުމެއް ސްކޫލް ކުދިންނާއެކު މާދަމާ ބާއްވަނީ

އދގެ 76 ވަނަ އާންމު މަޖިލީހުގެ ނަމޫނާ ބައްދަލުވުމެއް ސްކޫލް ކުދިންނާއިއެކު މާދަމާ ބާއްވަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އދ އާއި ބެހޭ ގޮތުން ސްކޫލް ދަރިވަރުންނަށް މައުލޫމާތުދީ ހޭލުންތެރިކޮށް، އދގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ފެށުން ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކަކުން ބައިވެރިވެގެން އާންމު މަޖިލީހުގެ ނަމޫނާ ބައްދަލުވުން މާދަމާ އޮންނާނެ ކަމަށެވެ.
ވާޗުއަލްކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ބައްދަލުވުމުގައި ސަރުކާރު ސްކޫލްތަކާއި ރާއްޖޭގައި ހިންގާ އަމިއްލަ ސްކޫލްތައް ހިމެނޭ ގޮތަށް ޖުމްލަ 219 ސްކޫލަކުން ބައިވެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މާދަމާ ހަވީރު 16:00 ގައި ފެށުމަށް ހަމަޖެހިފައިވާ، މި ނަމޫނާ ބައްދަލުވުން ޕީއެސްއެމްގެ ޓީވީއެމް ޗެނަލުން ވަގުތުން ދުރަށް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގައި ކޮންމެ ސްކޫލަކުންވެސް ކޮންމެވެސް އެއް ގައުމެއް ތަމްސީލް ކުރާނެއެވެ. އަދި ކަނޑައެޅިފައިވާ ގައުމުތަކަކުން، އެ ގައުމުތަކުގެ މައްސަލަތައް ބައްދަލުވުމުގެ ރިޔާސަތަށް ހުށައަޅާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ