ރައީސް ސާލިހްގެ ބުރިޖުތަކުގެ ވައުދަކީ ހުސްނުވާ ހުސް ވައުދުތަކެއް: މެމްބަރު ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަޅުއްވައިދެއްވާނެ ކަމަށް ވެވަޑައިގެންފައިވާ ބުރިޖުތަކުގެ ވައުދަކީ ހުސްނުވާ ހުސް ވައުދުތަކެއް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވި ސީދާ ސަބަބެއް ހާމަކުރައްވާފައި ނުވިނަމަވެސް ދެ ކޮމަންޑޫގެ މެދުގައި ބުރިޖު އެޅުމަށާއި، ދެ ކޮމަންޑޫ ގުޅައިލުމަށާއި، މަތިކޮމަންޑޫގެ ބިމުގެ ބޮޑު ބައެއް ހިއްކުމަށް، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ ބައި-އިލެކްޝަނާ ދިމާކޮށް ރައީސް ސާލިހް ވަނީ ވައުދުވެވަޑައިގެންފައެވެ.
އަދި އެ މަސައްކަތް ދައުލަތުގެ ބަޖެޓުން ބޭރުން ޚަރަދުކޮށް ފެށުމާ ގުޅިގެން އިދިކޮޅުގެ ފާޑުކިޔުން ވަނީ އެކަމަށް އަމާޒުވެފައެވެ.
ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސާލިހްގެ ބްރިޖްތަކުގެ ވައުދަކީ ހުސްނުވާ ހަމަ ހުސް ވައުދުތަކެއް ކަމަށެވެ.
އަދި ނައިފަރާއި ހިންނަވަރު ގުޅާލާ ވައުދަކީ ކައިރި އެހެނަސް ދެ ކޮމަންޑޫ ގުޅާލާ ވައުދަކީ ދުރު މާޒީއެއްގެ ވައުދެއް ކަމަށެވެ.
މެމްބަރުގެ ފާޑުކިޔުން ރައީސް ސާލިހަށް އަމާޒުވިއިރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ނައިފަރާއި ހިންނަވަރާ ދޭތެރޭ ބުރިޖެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ސާލިހް ވަނީ ވައުދުވެވަޑައިގެންފައެވެ.
އަދި ގއ.ވިލިނގިއްޔާއި ކޫއްޑޫ ދޭތެރޭވެސް ބުރިޖެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެ އަތޮޅަށް ކުރެއްވި ޒިޔާރަތުގައެވެ.
ސަރުކާރުން ރާއްޖޭގެ ކައިރި ރަށްތައް ގުޅާލުމާ ގުޅޭ ގޮތުން ރައީސް ވެވަޑައިގެންފައިވާ ވައުދުގެ އަމަލީ މަސައްކަތް ފެށިފައިނުވާ ކަމަށް ބުނެ އެ ދާއިރާގެތަކުގެ ރައްޔިތުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ