ސިއްރު ހެކިބަސް ނުނަގަން ސުޕްރީމް ކޯޓުން ނިންމައިފި

ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ މައްސަލައިގައި ހިމެނޭ ސިއްރު ހެކިން ބަލައިނުގަންނަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.މިއަދުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކިބަސް ބަލައިގަންނަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ފަސް ފަނޑިޔާރުންނަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެގޮތަށް ފަނޑިޔާރުން އިއްތިފާގު ވެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. ނަމަވެސް ހުކުމް އިއްވާނެ ދުވަހެއް ވިދާޅެއް ނުވެއެވެ. މިއަދުގެ އަޑުއެހުން ފަށަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލައިގައި ސިއްރުން ހެކިބަސް ނަގަން ޖެހޭ ފަދަ ހާލަތެއް އޮތް ކަމަށް ނުފެންނަ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވާތީ ސިއްރު ހެކިބަސް ނުނަގަން ނިންމީ ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުންނާއި އިލެކްޝަންސް ކޮމިޝަނާއި އިދިކޮޅު ފަރާތްތަކުން މައްސަލައިގައި ފަހު ބަސް ބުނުމެވެ. ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ތުހުމަތުކޮށެވެ. މީގެއިތުރުން މިއަދު ކުރިއަށް ދިޔަ ޝަރީޢަތުގެ މަޖިލީހަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ލިޔުންތަކުން، ވޯޓް ކަރުދާސްތައް ޕްރިންޓް ކޮށްގެން ގެނެސް ރައްކާ ކޮށްފައި ހުރި ތަނަށް އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުން ވަދެފައިވާ ކަންވަނީ ހާމަވެފައެވެ. ވޯޓް ކަރުދާސްތައް ރައްކާކޮށްފައި ހުރި ތަނަށް ވަން މީހުން އެނގޭނެ ގޮތައް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލޮގް ބުނާ ގޮތުން ކޮމިޝަންގެ މެންބަރުން ވެސް އެތަނަށް ވަތް ކަމަށާއި، އޭގެ ތެރޭގައި ހުއްދަ ނެތް ތިން މީހަކު ވަތްކަން ވަނީ ހާމަވެފައެވެ.އެމައްސަލައިގައި ސުޕްރީމް ކޯޓުގެ ބެއްލެވުމުގެ ދަށުން ހިންގާ ތަޙްޤީޤެއްގައި ކޮމިޝަންގެ މެންބަރުން އެތަނަށް ވަނީ ކީއްކުރަންތޯ ބަލައިދިނުމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ