މަޖިލިސް އިންޠިހާބުގައި ރައީސް މައުމޫންގެ ތާއިދު މެމްބަރު އަމީތަށް!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންޠިހާބުގައި ރައީސް މައުމޫންގެ ފަރާތުން މަޑުއްވަރީ ދާއިރާއަށް އެއްވެސް ކެންޑިޑޭޓެއް ކުރިމަތި ނުލާނެކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.
 
ރައީސް މައުމޫނުގެ ތާއިދާއިއެކު 30 އަށްވުރެ ގިނަ ދާއިރާތަކަށް ކުރިމަތިލުމަށް ނިންމާފައިވާކަން އެމް.އާރު.އެމްއިން ހާމަކޮށްފައިވާއިރު މަޢުލޫމާތު ލިބޭ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނުކަމަށް ނިންމި 12 ދާއިރާއިން އެއްވެސް ދާއިރާއަކަށް ރައީސް މައުމޫނުގެ ތާއިދާއިއެކު ކެންޑިޑޭޓެއް ނުނެރޭނެއެވެ. އޭގެ ބަދަލުގައި އެ ދައިރާތަކުން އެ މެމްބަރުންނަށް ތާއިދުކުރެއްވުމަށް ރައީސް މައުމޫން ވަނީ ނިންމާފައެވެ.
 
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ނިންމި 12 މެމްބަރުންގެ ތެރޭގައި މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ މުހައްމަދު އަމީތުވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންޠިހާބުގައި ޖުމުހޫރީ ޕާޓީގެ ޓިކެޓުގައި ދެ ވަނަ ދައުރަކަށް މަޑުއްވަރީ ދާއިރާއަށް ކުރިމަތިލެއްވުމަށްވެސް މެމްބަރު އަމީތުވަނީ ނިންމަވާފައެވެ. ޕްރައިމަރީއަކާއި ނުލާ ޖުމުހޫރީ ޕާޓީންވަނީ މެމްބަރު އަމީތަށް ޓިކެޓު ދެއްވުމަށް ނިންމާފައެވެ.
 
ގޮނޑި ގެއްލުނުކަމަށް ބުނާ 12 މެމްބަރުންނަށް ޕްރައިމަރީއަކާއި ނުލާ އެ ދާއިރާތަކުގެ ޓިކެޓު ދިނުމަށް ކޯލިޝަން ލީޑަރުން އެއްބަސްވެލައްވާފައިވާކަމަށް މީގެ ކުރިން ކޯލިޝަންގެ އެއް ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ