އައްޑޫގައި ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން ކުޑަކުރުމަށް ސިސްޓަމްތަކެއް ގާއިމުކުރަން ހަވާލުކޮށްފި

ޑީސަލް ބޭނުން ކޮށްގެން ކަރަންޓު އުފައްދާ މިންވަރު މަދު ކުރުމަށް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ބެޓެރީ ސްޓޯރޭޖް ސިސްޓަމަކާއި އެނާޖީ މެނޭޖްމެންޓް ސިސްޓަމް އެއް ގާއިމުކުރުމަށް ޖަޕާނުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މިއަދު އެންވަޔަރަންމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އައްޑޫ ސިޓީގައި އެ ސިސްޓަމްތައް ގާއިމު ކުރުމަށް ހަވާލުކޮށްފައި ވަނީ ނިޝިޒާވާ ލިމިޓެޑް އާއެވެ.
ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި ނިޝިޒާވާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އެކުންފުނިގެ އެކްޓިން ބްރާންޗް މެނޭޖާ ސުމިއޯ ފުޖިއޯކާ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ވަން ފޮޓޯ : މުހައްމަދު އައުޒަމް
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ރަޝީދު ވިދާޅުވީ އެ މަޝްރޫއަކީ 4.1 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި އެއް މެގަވޯޓްގެ ބެޓެރީ ސްޓޯރޭޖް ސިސްޓަމް އެއް ގާއިމު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ މަޝްރޫއުގެ ދަށުން ބެޓެރީ ސްޓޯރޭޖް ޓެކްނޮލޮޖީއާއި އެނަރޖީ މެނޭޖްމަންޓްގެ ދާއިރާއިން މަސައްކަތް ކުރުމަށް އައްޑޫގެ ފަރާތްތަކުން ތަމްރީން ކުރުންވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވަނީ ޖަޕާނު ސަރުކާރުގެ ފަރާތުން ހިންގާ ޖަޕާން ފަންޑް ފޮރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް) އިންނެވެ. އަދި އަހަރެއްގެ މުއްދަތުގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ