މެމްބަރު ޝާހުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ހުކުމްކޮށްފި އެވެ.
ޝާހުގެ ގޮނޑި ނުގެއްލޭކަމަށް ހުކުމް ކުރިއިރު މިއަދު ހެނދުނު ވަނީ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ވެސް ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
މިއަދު ދެން އޮންނާނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއާއި ގޮނޑީގެ މައްސަލައިގައި ހުކުމް ކުރުމެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މި މަހުގެ އަށްވަނަ ދުވަހު ވަނީ ކަނޑައަޅާފައެވެ. އެ މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދެވެ. އަދި އިއްޔެ ވަނީ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު، ދަނގެތީ ދާއިރާގެ މެމްބަަރު އިލްހާމް އަހުމަދު އަދި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ވެސް ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައެވެ.
(ތަފްސީލު އަންނަނީ...)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ