އިންޑިއާ ކަނޑުގެ ސަރަހައްދަށް އޮކްޓޯބަރު 12، 2014 ގައި އައި ތޫފާން “ހުދުހުދު” އަކީ އިންޑިއާ ރައްޔިތުން ހަނދާނުން ފިލުވައިލެވޭނެ ތޫފާނެއް ނޫނެވެ. އެ ތޫފާނުގައި 46 މީހެއްގެ ފުރާނަ ގެއްލުނެވެ. 20 ލައްކައަށްވުރެ ގިނަ އާއިލާއަށް ތޫފާނުގެ އަސަރު ކުރި އެވެ. 22 ލައްކަ ޓަނުގެ ގޮވާން ހަލާކުވި އެވެ. އަދި 10 ލައްކައަށްވުރެ ގިނަ ގަސް ހަލާކުވި އެވެ.
މިފަހަރު މިއައީ ތޫފާން “ރޯނު” އެވެ. ރާއްޖެއަށް މިނަން ދިނުމުގެ ފުރުސަތު ލިބުނީ ތޫފާނަކަށް މި ފަހަކަށް އައިސް ނަންދެނީ އެ ތޫފާނެއް ފެށޭއިރު އެންމެ ގާތުގައި އޮންނަ ގައުމަކުން ކަމަށްވާތީ އެވެ. އެއީ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ކުރާ ކަމެކެވެ.
ކޮންމެއަކަށް ތޫފާނު “ރޯނު” ރާއްޖެ ފަހަނައަޅާ އިންޑިއާގެ ބޮޑުބަޔަކުން ނެއްޓި ބަންގާޅާ ދިމާލަށް މިސްރާބުހުރި އިރު ތޫފާނު ހުދުހުދުން ގެއްލުން ލިބުނު އިންޑިއާގެ މީހުން ތިބީ ތޫފާނު ރޯނަށް ފިސާރި ތައްޔާރުވެގެން ކަމުގައި އެމީހުން ބުނެ އެވެ.
“އަހަރެމެންނަށް ތޫފާނު ހުދުހުދުން އިބްރަތްތެރި ފިލާވަޅެއް ލިބުނު، އެހެންވެ އަހަރެމެންގެ މުޅި އާއިލާއިން ދިޔައީ ތޫފާނު ރޯނަށް ތައްޔާރުވަމުން، މޫސުމާއިބެހޭ ތަފްސީލު ހަމަ އެކަނި ނެޓުން ބެލުމުގެ ބަދަލުގައި މި ސަރަހައްދުގައި ހުންނަ ސައިކްލޯން ވޯނިން ސެންޓަރަށް ގިނަގިނައިން ގޮސް އެންމެ ފަހުގެ މައުލޫމާތު ހޯދިން” ތޫފާން ހުދުހުދުގައި ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނު ބީ، ޗަޓަރުޖީ ކިޔާ މީހަކު ބުނެފައި ވެ އެވެ.
އަންދުރަޕްރަދޭޝްގައި ތަރުކާރީ ވިއްކާ އައްޕާ ރާއޯ ބުނެފައިވަނީ ތޫފާނު ރޯނުގެ ވާހަކަ އިއުލާނު ކުރުމާއެކު އެ ސަރަހައްދުން ވަރަށް ތަފާތު މަންޒަރެއް ފެނުނު ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން މާރުކޭޓް ތަކަށް ގޮސް ދިހަވަރަކަށް ދުވަހަށް ވާ ވަރަށް ތަކެތި ގަނެ ރައްކާކުރި މަންޒަރު ފެނުނު ކަމަށް އައްޕާ ރާއޯ ބުނެފައި ވެ އެވެ. އަންދުރަޕްރަދޭޝްއަކީ ތުފާނު ހުދުހުދުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ސަރަހައްދެވެ.
އުމުރުން 70 އަހަރުގެ ސުދާކަރު ކިޔާ މީހަކު ބުނެފައިވަނީ ތޫފާނު ހުދުހުދުގައި އޭނާގެ ގެޔަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށާއި އެހެންކަމުން ތޫފާނު ރޯނަށް ތައްޔާރުވުމަށް ގެއަށް ކާޕެންޓަރަކު ގެންގޮސް ގޭތެރެއިން ވައި ދައުރުވާނެހެން ދޮރުތަކުގައި ލޯވަޅުތައް ކަނޑާ އެހެނިހެން ސަލާމަތީ ފިޔަވަޅުތައް މިހާރު އަޅާފައިވާކަމަށް ސުދާކަރު ބުނެފައި ވެ އެވެ.
ތޫފާނު ރޯނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އަވަށްޓެރި ސްރީލަންކާއަށެވެ. ނަމަވެސް އެއީ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ކުރިންނެވެ. އަވަށްޓެރި ލަންކާއަށް ކުރި ވިއްސާރައިގެ ސަބަބުން އެގައުމުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 40 އަށްވުރެ ގިން މީހުން މަރުވި އެވެ. އެތައް ބަޔަކު ގެއްލިގެން ހޯދަމުން އަންނައިރު އެތައް ލައްކަ ބަޔަކު ހާލުގައި ޖެހިފައި ވެ އެވެ.
އިންޑިއާ ރައްޔިތުން ތިބީ ތޫފާނު ހުދުހުދުން އިބުރަތް ހާސިލްކޮށް ތޫފާން ރޯނަށް ތައްޔާރުވެގެން !
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ