"އިންޑިއާ އައުޓް" ހަރަކާތުގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ނުކުރަން އެދިއްޖެ

އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ނުކުރަން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޔާސިރު އަބްދުލް ލަތީފް އެދިވަޑައިގެންފިއެވެ.
ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ހިމަނައިގެން "އިންޑިއާ އައުޓް" ކެމްޕޭންގެ ހަރަކާތްތަކެއްގެ ފޮޓޯތަކަކާއެކު، ޔާސިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ބޭނުމަށް ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ނުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ކަމަކަށް ދަހިވެތި ވިޔަސް ކޮންމެވެސް ވަރެއްގެ އަދަބު އަޚްލާގު ބެހެއްޓުން މުހިންމު ކަމަށް ބުނެ މެމްބަރު ޔާސިރު ވަނީ ރައީސް ޔާމީނަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވިއެވެ.
ޝަހީދު ޙުސައިން އާދަމް އަކީ އިސްލާމް ދީނާއި މި ލޮބުވެތި ގައުމުގެ ދިފާއުގައި 3 ނޮވެމްބަރ، 1988 ގައި ހަނގުރާމަކޮށް ޝަހީދުވި ދިވެހި ސިފައިންގެ ބޭކަލެކެވެ.
3 ނޮވެމްބަރ 1988ގައި އަޅުގަނޑުމެންގެ ޤައުމަށް ކުރިމަތިވި އުދުވާނީ ހަމަލާގައި މިލޮބުވެތި ވަޠަން ދިފާޢުކުރުމަށްޓަކައި އެންމެ ފާހަގަ ކޮށްލެވޭ ހިތްވަރުގަދަ ރައްދެއް ނިރުބަވެރިންނަށް ދެއްވި ކޯޕްރަލް ޙުސައިން ޢާދަމް އުފަންވީ 1968 ވަނަ އަހަރު ހދ. ކުޅުދުއްފުށީ މާވާގޭގައެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަދުވަވަހަކީ ފަހުގެ ތާރީހެއްގައި ދިވެހިރާއްޖެ ނުދެކޭފަދަ ބިރުވެރި ކަންތައްތަކަކާ ދިވެހިން ކުރިމަތިލާންޖެހުނު އެއް ދުވަހެވެ. ދިވެހިންގެ ތެރެއިން ޤައުމަށް ޣައްދާރުވި ބަޔަކު އިސްވެތިބެ ސްރީލަންކާގައި އުޅުނު ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ، ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެއަށް ހަތިޔާރާއެކު އަރައިގަނެ، ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލާފައިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ