ތެލުގެ އަގު ބޮޑުވިޔަސް ކަރަންޓް ބިލް ބޮޑު ނުކުރާނެ ކަމަށް ސްޓެލްކޯއިން ބުނެފި

ބާޒާރުގައި ތެލުގެ އަގު ބޮޑުވި ނަމަވެސް ސްޓެލްކޯއިން ދޭ ކަރަންޓު ހިދުމަތުގެ ބިލް ބޮޑު ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިއަދު ވިދާޅުވީ ސްޓެލްކޯއަށް "ފްލެޓު ރޭޓެއްގައި" ސަރުކާރުން ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައި ދީފައިވާ ކަމަށެވެ.
ރަޝިއާއާއި ޔޫކްރައިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ އަގު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. ފާއިތުވީ 3 އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް ތެލުގެ އަގު މައްޗަށް ނުދާ މިންވަރަށް މިހާރު ހުރީ އަގުތައް އުފުލިފައެވެ. މިއަދުގެ ރޭޓުތަކަށް ބަލާއިރު ސާފު ނުކުރާ ތެޔޮ ފީފާއެއް ވިއްކަން ހުރީ 112 ޑޮލަރަށެވެ.
ތެލުގެ އަގުތަކަށް ބަދަލު އައިސް، ރާއްޖޭގެ ބާޒާރުގައި ޕެޓްރޯލް ލީޓަރެއް 14.60ރ. އަށް އުފުލުމާ ގުޅިގެން ޓެކްސީ ތަކުން ވަނީ ދަތުރު ކޮށްދެ އަގު ބޮޑުކޮށްފައެވެ. ތެލުގެ އަގާއެކު އަސާސީ ބައެއް އެއްޗެހީގެ އަގުތަކަށް ބަދަލު އައިސްފައި ވާ އިރު ކަރަންޓަކީވެސް އަސާސީ އެއްޗެކެވެ. ނަމަވެސް މާލެ އާއި އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ކަރަންޓް ފޯރުކޮށްދޭ ސަރުކާރު ކުންފުނި، ސްޓެލްކޯއިން ނިންމާފައި ވަނީ އަގުތައް ބޮޑު ނުކޮށް ހިފަހައްޓާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ