އިންޑިއާ އައުޓަކީ ދެއުޅިއެއް ނުވާ ސަކަރާތެއް

އިންޑިއާ އައުޓް ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ކޮށްފައިވާ އަނިޔާވެރިކަން ފޮރުވަންޖަހާ ސަކަރާތެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
"އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ޔާމީން އިސްވެ ހުންނަވައި ފަށާފައިވާ ހަރަކާތެކެވެ. ނަމަވެސް މި ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދި ފަހުން ވަނީ ގަރާރެއް ނެރުއްވާފަ އެވެ.
މި ހަރަކާތާއި ގުޅިގެން ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ބޮޑެތި އަނިޔާއާއި ހިންގާފައިވާ ޤާނޫނާ ޚިލާފު އެތައް އެތައް ކަމެއް ރައްޔިތުންގެ ހަނދާނުން ފޮހެލުމަށް ގެންގުޅޭ އުކުޅަކީ އިންޑިއާ އައުޓްއޭ ކިޔައިގެން ޖަހަމުންދާ ދެއުޅިއެއްނުވާ ސަކަރާތް ކަމަށެވެ. އަދި އެކަން މިހާރު ދިވެހީންނަށް މާބޮޑަށް ސާފުވެފައިވާ ކަމަށްވެސް ހަސަން ވިދާޅުވި އެވެ.
"އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން "ބާކީނުވޭ" ގެ ނަމުގައި މިހާރު ވަނީ ކެމްޕޭނެއް ފަށައިފަ އެވެ. އިދިކޮޅުން އަންނަނީ "އިންޑިއާ އައުޓް" ލިޔެފައިވާ ބެނާތައް ވެސް ދަމައި، އެ އިބާރާތް ހިމެނޭ ލިޔުންތައް މަގުމައްޗަށް އަޅައި އެކި ތަންތަނުގައި ވެސް އެ އިބާރާތް ލިޔަމުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ