ދަތުރު ދިޔުމަށް ތަރައްޤީކުރާ ކުޑަގިރިއަށް ކަރަންޓުގެ ޚިދުމަތް

މާލެ ސަރަޙައްދުގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ކުޑަގިރީގެ ކަރަންޓް ނެޓްވޯކް އެޅުމަށް ކޭބަލް ވަޅުލުމުގެ މަސައްކަތް ނިންމާލައިފިއެވެ. ކުޑަގިރީގައި ކަރަންޓުގެ މަސައްކަތް ކުރަމުން އަންނަނީ ސްޓެލްކޯއިންނެވެ.
މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ހިތްހަމަޖައްސާލުމަށް ދަތުރުދާނެ ރަށެއް މިސަރަޙައްދުގައި ނެތުމަކީ ރައްޔިތުންގެ ޝަކުވާއާއި ގުޅިފައިވާކަމެކެވެ. މިޝަކުވާ އައްސަވާ މިސަރަޙައްދުގައި ދަތުރުދާނެ "ޕިކްނިކް އައިލެންޑެއް" ތަރައްޤީކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވަނީ ނިންމަވާފައެވެ. މިގޮތުން މިދިޔަ އޭޕްރީލްމަހު ކުޑަގިރި ހިއްކާ ނިމިފައިވާއިރު މިރަށުގައި ކަރަންޓުގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ނިމިދިޔަ މޭއި މަހުވަނީ ފަށާފައެވެ.
ސްޓެލްކޯއިން ކުރިއަށްގެންދާ މިމަސައްކަތުގެ ތެރެއިން ނެޓްވޯކް އެޅުމަށް ވަޅުލަންޖެހޭ 3000 މީޓަރުގެ ކޭބަލް މިހާރު ވަޅުލާ ނިމިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މީގެއިތުރުން މިމަޝްރޫޢުގެ ދަށުން ކުޑަގިރީގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ.
ކުޑަގިރިއަށް ދަތުރުދެވޭނެ އިންތިޒާމު އަވަހަށް ފަހިކުރުމަށްޓަކާ ސަރުކާރުގެ ކުންފުނިތަކުން އަންނަނީ ގުޅިގެން މިމަސައްކަތް ކުރަމުންނެވެ. އެގޮތުން ކަރަންޓުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާއިރު ކުޑަގިރީގެ ލޭންޑް ސްކޭޕިކްގެ މަސައްކަތާއި ގަސް އިންދާ ރަށް ފެހިކުރުމުގެ މަސައްކަތާއި ދަތުރު ދާ މީހުން ބޭނުންކުރުމަށް ފާޚާނާ ބަރިއެއްގެ އިތުރުން ޗޭންޖިންގ ރޫމްއަކާއި ނާސިންގ ރޫމަކާއި ހަޓްތަކެއް ތަރައްޤީކުރުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.
ކ.ކުޑަގިރި ހެދުމުގެ މަސައްކަތުގެ ދަށުން އެސަރަޙައްދުން 8 ހެކްޓަރުގެ ބިން އެމްޓީސީސީން ވަނީ ހިއްކާފައެވެ. މީގެއިތުރުން 397 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮއްޓަކާއި 428 މީޓަރުގެ ބޮޑުހިލައިގެ ނެރުފައިކައްޓެއް ޖެހުމުގެ މަސައްކަތް އެމްޓީސީސީން އަންނީ ކުރަމުންނެވެ.
ތަފާތު އެކި ކުޅިވަރުތައް ކުޅެވޭނެ ޖާގައާއެކު ތަރައްޤީކުރާ ކުޑަގިރީގައި ކުޑަކުދިން ކުޅޭ ސަރަޙައްދަކާއި ބީޗް ކުޅިވަރަށް ޚާއްސަ ސަރަޙައްދަކާއި ބާބެކިއު އޭރިއާއެއްގެ ގޮތުގައިވެސް ވަކި ސަރަޙައްދެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ އެކި ކުންފުނިތައް ގުޅިގެން ތަރައްޤީކުރަމުން އަންނަ ކުޑަގިރިއަކީ މާލެއިން ފުރައިގެން ގާތްގަޑަކަށް 20 މިނެޓްގެ ދަތުރެއް ކޮށްފައިދެވޭ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ