ޑީއެންއޭ ސީކުއެންސް ގަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއް ނެތް: މައުމޫނު

ޑީއެންއޭ ސީކުއެންސް ގަރީނާއެއްގެ ގޮތުގައި ނުބެލޭނެ ސަބަބެއް ނެތްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޒިނޭ ކޮށްގެން ލިބޭ ކުއްޖެއްގެ ޑީއެންއޭ މީހަކާ ދިމާވި ނަމަވެސް, އިސްލާމީ ޝަރީއަތުގައި އެއީ އެމީހަކު ޒިނޭ ކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫން ކަމަށް ދާދި ފަހުން ހައިކޯޓުން ކުރި ހުކުމަކާ ގުޅިގެން މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމެއް ދެނެގަނެވޭނެ ގޮތް ޝަރްއުގައި އަންގަވާފައި އޮތުމަކީ އެނޫން ގޮތްގޮތުން އެކަން ދެނެގަތުން މަނާ ކުރާކަމެއް ނޫން ކަމަށެވެ. އަދި އިރު ހިނގާ ގޮތް ބަލައިގެން ނަމާދުގެ ވަގުތުތައް ދެނެގަންނާނެގޮތް ސުންނަތުން އެނގެން އޮތް ނަމަވެސް މިހާރު ނަމާދު ވަގުތު ބަލަނީ ފަލަކީ ހިސާބުން ކަމަށް މައުމޫނު ވަނީ ވިދާޅުވެފައެވެ.
އެހެން ކަމުގައި ވާނަމަ ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ގަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއް ނެތް ކަމަށް މައުމޫނު ވަނީ ވިދާޅުވެފައެވެ. މައުމޫނު ވިދާޅުވީ ފިންގާޕްރިންޓް ފަދަ ސައެންޓިފިކް ދަލީލުތައް ވެސް ގަރީނާގެ ގޮތުގައި ޝަރީއަތުން ބަލައިގަންނަ ކަމަށެވެ.
މައުމޫނުގެ އެ ޓްވީޓަށް ރައްދު ދެއްވަމުން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނު ވިދާޅުވި އެއްޗަކުން ރައްޔިތުންނަށް އޮޅުން އަރާ ކަމަށެވެ.
އެގޮތުން ޑީއެންއޭ އިން ބައިލޮޖިކަލް ބައްޕަ ސައިންޓިފިކަލީ ދެނެ ގަނެވޭނެ ކަމަށާއި ނަމަވެސް ޒިނޭގެ ދަރި އޭނާގެ ބައިލޮޖިކަލް ބައްޕަ އަށް ނިސްބަތް ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.
ސަބަބަކީ އެއީ ކައިވެނީގެ ބޭރުން ދަރިން ހޯދުން ކަމަށް ޒައިދު ވިދާޅުވިއެވެ.
ޒައިދު އިތުރަށް ވިދާޅުވީ ކައިވެންޏާއި ޒިނޭ ފަރަގު ނުކުރާ މުޖުތަމައު ތަކުގައި ދަރި ލެއްވިއަސް ޝަރުއީ އުސޫލު ތަކުން ދަރި ލެއްވޭނީ ކައިވެނީގެ ތެރެއިން ދަރިފުޅު ލިބިއްޖެ ނަމަ އެކަނި ކަމަށެވެ. ވީމާ އެކަމަށް އޮތް ހައްލަކީ ޒިނޭ ނުކުރުން ކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.
ހައިކޯޓުން ކުރި ހުކުމެއްގައި ބުނީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން، ކުޑަހުވަދޫ / ތާޖު، މުހައްމަދު ތައުފީގާއި ށ.ގޮއިދޫ / އަލި ފާތިމަތު ޝަމީމާ، ޒިނޭކުރި ކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހައިކޯޓުން ކުރި ހުކުމުގައި ބުނީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް، ތައުފީގުގެ މައްޗަށް އުފުލި ޒިނޭގެ ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދު ކުރާ ކަމަށެވެ.
އަދި އިސްލާމީ ޝަރީއަތުގައި ކަންކަން ޝަރީއަތަށް ސާބިތު ކުރުމުގެ ވަސީލަތް ތަކުގެ ތެރޭގައި އިގްރާރާއި ހެކިބަސް ހިމެނޭ ކަމަށައި ޒިނޭ ކުރިކަން ދެގޮތަކުން ޝަރީއަތަށް ސާބިތު ކުރެވޭ ކަމަށެވެ. އެއީ ޒިނޭ ކުރި މީހާގެ އިގްރާރު ނުވަތަ އިއުތިރާފުންނާއި، މަދުވެގެން 4 ފިރިހެނުންގެ ހެކިބަހުން ކަމަށް ހައިކޯޓުން ބުނެއެވެ.
ތައުފީގު ޒިނޭ ކުރި ކަމަށް އިންކާރު ކުރި ނަމަވެސް އަންހެން މީހާ އޭޕްރީލް 13، 2016 ވަނަ ދުވަހު، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވިހާފައިވާ އަންހެން ކުއްޖާ އަކީ، އޭނާ މުހައްމަދު ތައުފީގާ އެކު ބަދުއަހްލާގީ އަމަލު ހިންގައި ޒިނޭ ކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއް ކަމަށް އަންހެން މީހާ ބުނާ ކަމަށާއި އަދި އެ ކުއްޖާގެ ޑީއެންއޭ އާއި މުހައްމަދު ތައުފީގުގެ ޑީއެންއޭ އާ ދިމާވާ ކަމަށް ދެ ކޯޓުންވެސް ވަނީ ބުނެފައެވެ.
ތައުފީގުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޒިނޭ ކުރުމުގެ ކުށުގެ ދައުވާގެ އަސާސް ބިނާވެފައި ވަނީ، އޭނާ ޒިނޭކުރި އަންހެން މީހާ ވިހެއި ކުއްޖާ އަކީ، ތައުފީގާ ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއް ކަމަށް، އަންހެން މީހާ ބުނާ ބުނުމުގެ މައްޗަށާއި، އަންހެން މީހާ ވިހެއި ކުއްޖާގެ ޑީއެންއޭ އާއި ތައުފީގުގެ ޑީއެންއޭ އާ ދިމާވާތީއެވެ.
މީގެ އިތުރުން ހައި ކޯޓުގެ ހުކުމުގައި ބުނީ އިސްލާމީ ޝަރީއަތުގައި ދަރި ނަފީ ކުރުމަށް ލިއާން ކުރުން ފިޔަވައި އިތުރު އެހެން މަގެއް ދައްކާފައި ނުވާ ކަމަށާއި ނަސަބު ސާބިތުކޮށް ނަފީ ކުރުމުގައި، ޑީއެންއޭ އަކީ ހުއްޖަތެއް ނޫން ކަމަށް އިސްލާމީ ޖުމްހޫރު ފިގުހު އިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާކަމަށެވެ.
އަދި ޒިނޭ ކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނަކު ހޯދުމަށް ޑީއެންއޭ ޓެސްޓު ހެދުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުން ކަނޑައަޅައިފައި ވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ