ރާއްޖޭގައި އިންޑިއާގެ 200 ސިފައިން އެބަތިބި- އުމަރު

ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާގެ 200ސިފައިން އެބަތިބި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި 2023ގައި ރާއްޖޭގެ ވެރިކަމަށް އައުމަށް ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ގައުމީ ދުވަހާއި ގުޅިގެން ފޮނުއްވި މެސެޖުގައި އުމަރު ވިދާޅުވީ މިއަދަކީ ޕޯޗުގީޒުންގެ ލަޝްކަރެއް، ދިވެހިން ނިކުމެ ހަގުރާމައެއްގައި ބަލިކޮށް، ޕޯޗުގީޒުން މި ޤައުމުން ބޭލި ދުވަސް ކަމަށެވެ. އެގޮތުން ޕޯޗުގީޒުން އެ ދުވަހު ހަމަލާދެނީ ކަނޑިއާއި ބަޑިން ކަމަށާއި ނަމަވެސް މި ޒަމާނުގައި ޤައުމުތަކަށް ހަމަލާ ދެނީ ކަނޑިއާއި ބަޑިން ނޫން ކަމަށާއި މި ޒަމާނުގައި ގައުމުތަކަށް އަރާ ހިފަނީ އެހެނިހެން ނުސީދާ ގޮތްތަކުން ކަމަށެވެ.
“މިއަދު މިވާހަކަ ދައްކާއިރު އިންޑިއާގެ އަސްކަރިއްޔާގެ 200 ސިފައިން ރާއްޖޭގެ 3 ސަރަހައްދެއްގައި ރުކުރުވާލާފައިވޭ. މިއީ ރާއްޖޭގެ މިނިވަން ކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. މިއީ ހުއްޓުވަންޖެހޭ ކަމެއް” އުމަރު ވިދާޅުވިއެވެ.
ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ވަނީ އިންޑިއާ އައުޓްގެ ނަމުގައި ފަށާފައިވާ ކެމްޕެއިނެއްގެ އަޑުތައް ގަދަވެދަފައެވެ. އަދި އިންޑިއާ އައުޓް ގެ ކެމްޕެއިން އެންމެ ބޮޑަށް ގުޅިފައިވަނީ ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާގެ ސިފައިންނާއި އެވެ. އިދިކޮޅުގެ އަޑުތައް ގަދަވެ އެންމެ ފަހުން ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވިއެވެ. އަދި އެ ބައްދަލުވުމުގައި ބުނެފައިވަނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ މިލިޓަރީ ބޭސްއެއް ނެތް ކަމަށެވެ. އަދި ހަތިޔާރު އެޅި ސިފައިން ވެސް ހަރަކާތްތެރި ނުވާ ކަމަށެވެ.
އެގޮތުން އިންޑިއާ އިން ރާއްޖޭގައި އަސްކަރީ މަރުކަޒެއް އަޅަން އުޅޭ ކަމަށް އިދިކޮޅުން ތުހުމަތު ކުރާއިރު، ސަރުކާރުން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ