500 އާއިލާ ރަށަށް ބަދަލުވުމަށް އެހީ ދެނީ

މާލޭގައި ދިރިއުޅެން ދަތިވެ، ދަރިންނާއެކު ރަށަށް ދާން ބަދަލުވާން ބޭނުންވާ 500 އާއިލާއަކަށް އެހީވާން ޖެންޑާ މިނިސްޓްރީން ނިންމައިފި އެވެ.
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ، އޭނާގެ ފޭސްބުކްގައި މިއަދު ވިދާޅުވީ މާލޭގައި ދިރިއުޅެން ދަތިވެފައިވާ، ކުޑަކުދިންނާއެކު ދިރިއުޅޭ އާއިލާތައް، އެނބުރި ރަށަށް ދާން ބޭނުންވާ ނަމަ ސަރުކާރުން އެކަން ފަހިކޮށްދޭނެ ކަމަށެވެ. އެކަމަށް އެދޭ ފަރާތްތަކުން، އެ މިނިސްޓްރީގެ ނަމްބަރު 1421އަށް ގުޅުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
އެކަން ތަފްސީލުކޮށްދެއްވައި، އެ މިނިސްޓްރީގެ ޑިރެކްޓާ އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވީ މާލޭގައި އުޅޭ 500 އާއިލާ، އަމިއްލަ ރަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެކަން ކުރުމަށް، އެ މިނިސްޓްރީން މިހާރު ވަނީ އުސޫލެއް އެކުލަވާލާފަ އެވެ.
އިބްރާހިމް ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްގެ ތެރެއިން ރަށަށް ބަދަލު ކުރާނީ އަމިއްލައަށް އެކަމަށް އެދޭ މީހުންނެވެ. އަމިއްލަ މީހެއްގެ ބަދަލުގައި އެއީ އާއިލާއަކަށް ވާން ޖެހެ އެވެ. ކުޑަކުދިން ތިބޭނަމަ، އިސްކަން ދޭނެ އެވެ.
ގާތްގަނޑަކަށް 26 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭ މި ޕްރޮޖެކްޓުގެ ތެރެއިން، ރަށަށް ބަދަލުކުރާނެ މީހުން ކަނޑައަޅާނީ، އެކަމަށް އެދޭ މީހުން އެސެސްކުރުމަށް ފަހު އެވެ. އެސެސްކުރާ ކޮމެޓީގައި ހުރިހާ މިނިސްޓްރީ އަކާއި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ އޮފިޝަލުން ހިމެނިވަޑައިގަންނަވާނެ އެވެ.
"ރަށަށް ބަދަލުވާން އެދޭ މީހުންގެ ޝަރުތު ހަމަވޭތޯ ކަނޑައަޅާނީ އެ ބޭފުޅުން. ޝަރުތު ހަމަވުމުގައި ވަރަށް ގިނަ ކަންކަމަށް ބަލާނެ،" އިބްރާހިމް ވިދާޅުވި އެވެ.
ޝަރުތު ހަމަވާ ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ، އާއިލާގައި މީހުން ތިބި އަދަދާއި އެ މީހުންގެ ދިރިއުޅުމުގެ ހާލަތާއި މާލީ ހާލަތާއި ބަދަލުވާ ރަށުގައި ބޯހިޔާވަހިކަން ހުރުމެވެ.
އިބްރާހިމް ވިދާޅުވީ އާއިލާ ރަށަށް ބަދަލުވުމަށް ފަހު، ގެ ކުޑަކޮށް މަރާމާތު ކުރުމާއި ފަރުނީޗަރު ހޯދައިދިނުމަށް މިނިސްޓްރީން އެހީތެރިވާނެ ކަމަށެވެ. އެކަމަކު އެ އެހީ ދެނީ، ގިނަވެގެން 20،000 ރުފިޔާ ހިމެނޭ ލޯނަކުންނެވެ. އިންޓަރެސްޓް ނުލައި، ލޯނުގެ އެހީދޭއިރު ތިން އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ.
އޭގެ އިތުރުން، އާއިލާއިން އާއްމު ހާލަތަށްް ރުޖޫއުއަށްވުމަށް، ހަ މަސް ވާންދެން މާލީ އެހީ ފޯރުކޮށްދޭނެ އެވެ. ފައިސާގެ އަދަދު ނުބުނި ނަމަވެެސް، އަސާސީ ހިދުމަތްތައް ހޯދޭނެ މިންވަރަށް އެހީ ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން، އަމިއްލަ މަސައްކަތެއް ފެށުމަށް ނުވަތަ ފަންނީ ކަމެއް ދަސް ކުރުމަށް، ބޭންކު މެދުވެރިކޮށް ލޯނު ހަމަޖައްސައިދޭއިރު ވަޒީފާ ހޯދުމަށް ވެސް އެހީތެރިވެދޭނެ ކަމަށް ޖެންޑާއިން ބުންޏެވެ.
މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި އެހީދޭނީ، މާލޭ ސަރަހައްދުން ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށެވެ. އޭގެ ފަހުން، އެއްް ރަށުން އަނެއް ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް އެހީ ހަމަޖައްސައިދޭނެ އެވެ.
Report: Hurihaa ehcheh dhookoh laafai enburi rahah!
The most trusted news source in the Maldives
Mihaaru
ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލި ނުވަތަ މަސައްކަތަށް ބުރޫއެރުމުގެ ސަބަބުން ގިނަ އާއިލާތަކަށް އޭގެ އަސަރު ވަނީ ކޮށްފަ އެވެ. ހާއްސަކޮށް، މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންނަށް ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އާމްދަނީ ނުލިބި، ކުލި ނުދެއްކުމުގެ ސަބަބުން ގިނަ ބަޔަކު، މި ވޭތުވެ ދިޔަ މަދު މަސްތަކެއްގެ ތެރޭގައި ރަށަށް ބަދަލުވެފައި ވެ އެވެ.
ކޮވިޑާ ގުޅޭ ކަންކަމަށް ސަރުކާރުން ކުރި ޚަރަދު މިހާރު ވަނީ 2.3 ބިޔަން ރުފިޔާ އަށް އަރައިފަ އެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑާ ގުޅޭ އިގުތިސާދީ ކަންކަމަށް މިހައިތަނަށް ކުރި ހަރަދުގެ ޖުމްލައަކީ 1.03 ބިލިޔަން ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ