ފަނޑިޔާރު ބާރީ އާއި ދ. ޖުޑިޝަލް ދާއިރާގެ މެޖިސްޓްރޭޓް އަބްދުއްރައްޒާގު ވަކިކުރަން މިއަދަށް އެޖެންޑާ ކޮށްފި

ޖުވެނައިލް ކޯޓުގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފާއި ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
އެ ދެބޭފުޅުން މަގާމުން ވަކިކުރަން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރުމަށްފަހު، ކޮމިޓީން ވެސް ނިންމާފައި ވަނީ އެ ދެބޭފުޅުން މަގާމުން ވަކި ކުރުމަށެވެ.
އެހެންކަމުން އެ މައްސަލަ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވުމުން އެ މައްސަލައަށް ވޯޓަށް އެހުމަށް މަޖިލީހަށް މިއަދު ވަނީ އެޖެންޑާ ކޮށްފައެވެ.
ޖޭއެސްސީން ބުނީ ގާޒީ ބާރީއާ ގުޅޭގޮތުން ކޮމިޝަނުން ބަލާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ އާއި މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޒީ ބާރީ މާލީ ގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވި ކަމާއި އެ މުއްދަތުގައި އެ ކޮމިޝަނަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި މި ވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައި ނުވާ ކަމަށް ބުނެ ތަހުގީގުކޮށްފައިވާ މައްސަލަ ކަމަށެވެ.
"މި މައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރާއި ގާޒީ ބާރީއާ ގާތް ގުޅުމެއް އޮތް ކަމާއި ކްރިމިނަލް ކޯޓުގައި ހިންގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އަދީބުގެ ކާރު ޕާކުކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކެއް އަދީބާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ގާޒީ ބައިވެރިވިކަން ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައި. އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދައުވާގައި، ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމުގެ ކޮޕީއެއް އަދީބަށް ފޮނުވުމަށް ގާޒީ ބާރީ އެ ހުކުމް ދިންކަން ވެސް ވަނީ ފާހަގަކުރެވިފަ،" ޖޭއެސްސީން ބުންޏެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައި ހުންނެވި އިރު، ޝަރީއަތްތައް ކުރީގެ ސަރުކާރުން ބޭނުންވި ގޮތަށް ނިންމައިދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިން އިރު، ގާޒީ ބާރީއަށް ފްލެޓެއް ބޭނުންވުމުން، އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތް ކަމާއި ހަމަ އެދުވަސްވަރު އަދީބުގެ ފަރާތުން ފަސް ލައްކަ ރުފިޔާ ގާޒީ ބާރީއަށް ދީފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
އޭގެ އިތުރުން ގާޒީ ބާރީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ނަގުދު ފައިސާއިން ގާޒީ ބާރީ ދައްކާފައިވާ އިރު، އެ ފައިސާއަކީ ގާޒީ ބާރީ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ތަހުގީގަށް އެނގިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ބާރީ ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށް މަޖިލީހަށް ފޮނުވާފައިވާ އިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ގާޒީ ބާރީގެ ޖިނާއީ ތަހުގީގެއް ފުލުހުން އަންނަނީ ކުރަމުންނެވެ. އަދި އޭނާ ހުރީ ސަސްޕެންޝަންގައެވެ.
އަބްދުއްރައްޒާގު މުހައްމަދުގެ މައްޗަށް ޖޭއެސްސީން ބަލާފައިވާ މައްސަލައަކީ ދ. މާއެނބޫދޫ ގޯއްޗެއްގައި ކޮށްފައިވާ އިމާރާތުގެ އަގު ހޯދުމަށް، މީހަކު އޭނާގެ އަނބިމީހާގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލަ ހިންގި ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާ އާއި، އެއްވެސް ސަބަބެއް ނެތި އަނބިމީހާ ވަރިވާން އުޅޭކަމަށް ބުނެ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިންގި ގަޒިއްޔާ، 04 މެއި 2015 ގައި ދ. މާއެނބޫދޫ ކޯޓުން ނިންމާފައިވަނިކޮށް، އެ ދެ ގަޒިއްޔާ ހިންގުމަށްޓަކައި 29 ޖުލައި 2015 ގައި ކޯޓު އަމުރު ނެރެ، ދައުވާ ރައްދުވާ ފަރާތް ބަންދުގައި ބަހައްޓައިގެން ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް، އެ ދެ މައްސަލަ ކޯޓުގައި ހިންގާފައިވާ މައްސަލައެވެ.
ޖޭއެސްސީން ބުނީ، އެ ދެ ގަޒިއްޔާ 04 މެއި 2015 ގައި ނިންމާފައި ވަނިކޮށް، އެ ދެ ގަޒިއްޔާ އަލުން ހިންގާފައިވަނީ އެ ގަޒިއްޔާގައި ކުރިން ހުކުމް ކޮށްފައިވާކަން އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދަށް އެނގިހުރެ ގަސްތުގައިކަން، އެ ދެ މައްސަލަ ހިންގުމުގެ ކުރިން ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް އޭނާ ސޮއިކޮށް ފޮނުވި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން 07 ޖުލައި 2015 ގައި ފޮނުވި ފެކްސް މެސެޖުން އެނގޭ ކަމަށެވެ. އަދި މި ފެކްސް މެސެޖް ފޮނުވާފައި ނުވާ ކަމަށް އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ބުނެ ތަހުގީގަށް އޮޅުވާލާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ޖޭއެސްސީން ބުނީ، އަބްދުއްރައްޒާގު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމި އިރު، އޭނާ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއް ބެލުން ކޮމިޝަނުން ހަވާލުކޮށްފައިވާ މެޖިސްޓްރޭޓް ލައްވައި އެ މައްސަލަ ބަލަން ހިތްހަމަ ނުޖެހި، އެ މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާކަމަށް ބުނާ މައްސަލައަކާއި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 87/M8C/2018 ގަޒިއްޔާގެ ޝަރީއަތަށް އަބްދުއްރައްޒާގު މުހައްމަދު ހުށަހަޅާފައިވާ އެއްބަސްވުމެއްގައިވާ ސޮޔަކީ ފޯޖްކޮށްފައިވާ ސޮޔެއްކަމަށް ބުނާ މައްސަލައެއްވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސޮއި ފޯޖު ކުރި މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށުމާ ގުޅިގެން މިއަހަރުގެ ޖެނުއަރީ ހަތްވަނަ ދުވަހުން ފެށިގެން އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ހުރީ ސަސްޕެންޑް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ