ފަލަސްތީނު ރައްޔިތުން ދަތުރުކުރުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތައް ނައްތާލުމަށް އދ. އިން ގޮވާލައިފިއެވެ.
އިސްރާއީލް އަސްކަރިއްޔާގެ ބާރުގެ ދަށުގައިވާ މުސްލިމުންގެ ތިންވަނައަށް އެންމެ މާތް މުގައްދިސް ބިނާ ކަމަށްވާ މަސްޖިދުލް އަގްސާގައި ފަލަސްތީނު ރައްޔިތުން ހުކުރު ނަމާދު ކުރުމަށް އިސްރާއީލުން ވަނީ މަނާކޮށްފައެވެ.
ނަމަވެސް މިދިޔަ ބުދަ ދުވަހު އިސްރާއީލް އަސްކަރިއްޔާއިން ކުރި އިއުލާނެއްގައިވަނީ ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 500 މީހަކު، ގުދުސްއަށް ގޮސް، އަގްސާ މިސްކިތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ.
ބަރަކާތްތެރި ރަމަޟާން މަހު ޣައްޒާގައި ދިރިއުޅޭ ރައްޔިތުންނަށް ނަމާދު ކުރުމުގައި ވަކި އަދަދެއް ކަނޑައަޅާފައިވަނީ ފަލަސްތީނުގެ ޣައްޒާއިން އިސްރާއީލަށް އަމާޒުކޮށް މީގެ ދުވަސްތަކެއް ކުރިން ރޮކެޓު ހަމަލާތަކެއް ފޮނުވާލާފައިވާތީ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
އަދި މާދަމާގެ ހުކުރަށްފަހު، ދެން އެންމެ އަވަހަށް އަންނަ ހުކުރުގައި 800 ރައްޔިތުންނަށް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްރާއީލުން ވަނީ ނިންމާފައެވެ.
އިސްރާއީލްގެ މި ނިންމުމާއި ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ވިދާޅުވެފައިވަނީ ފަލަސްތީނުގެ ވަކި އަދަދެއްގެ ރައްޔިތުންނަށް ނަމާދު ކުރެވޭނެ އިންތިޒާމު އިސްރާއީލުން ހަމަޖައްސައިދީފައިވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ފަލަސްތީން ރައްޔިތުން ދަތުރުކުރުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތައް ނައްތާލެވިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ބަންކީ މޫން ވިދާޅުވިއެވެ.
ރޯދަ މަހާ ދިމާކޮށް އިސްރާއީލުން ދިން ލުޔާ އެކު 200،000 މުސްލިމުން ގުދުސްގެ އަލް އަގްސާ މިސްކިތަށް ޖަމާވެ މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދުކުރިއެވެ. އޭގެތެރޭގައި ގުދުސް އިންނާއި ހުޅަނގު އައްސޭރިންނާއި އަޣްސާއިން ހުކުރު ނަމާދަށް ދިޔަ މީހުންގެ އަދަދަު 80،000 އަށް އަރާނެއެވެ.
މަސްޖިދުލް އަގްސާ އާއި އެތަނުގެ ހަރަމްފުޅު ވަނީ ގުދުސްގެ އިރުމަތީ ފަޅީގެ އެންމެ ދެކުނުގައެވެ. ގުދުސްގެ އިރުމަތީ ފަޅި އަކީ 1967 ގެ ހަނގުރާމައިގައި އިސްރާއީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިމެކެވެ.
މުސްލިމުންގެ މުގައްދަސް އެއް ހަރަމް ފުޅު ކަމަށްވާ މަސްޖިދުލް އަގްސާ، ޔަހޫދީންގެ ބާރުގެ ދަށުގައި އޮންނަތާ 47 އަހަރު ވަނީ ވެފައެވެ.
ފަލަސްތީން ރައްޔިތުން ދަތުރުކުރުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތައް ނައްތާލަން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ