އިންޓަނެޓު މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރިކަމުގެ ކުށް ސާބިތުވި މީހަކު 10 އަހަރަށް ޖަލަށް ލައި، 1،000 އެތިފަހަރުން ތައުޒީރު ކުރުމަށް ދަށު ކޯޓަކުން ކުރި ހުކުމަށް ސައުދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން ތާއީދުކޮށްފިއެވެ.
ހަބަރުތައް ބުނާ ގޮތުގައިއިސްލާމް ދީނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ރާއިފް ބަދަވީ ހައްޔަރު ކޮށްފައިވަނީ 2012 ވަނަ އަހަރުގައި އެވެ. އަދި ހަމަ އެއަހަރު އޭނާގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމަކާއި 1،000 އެތިފަހަރުން ހައްދު ޖެހުމަށް ހުކުމްކޮށްފައެވެ. ސުޕްރީމް ކޯޓުން މިހުކުމަށް ތާއީދުކޮށްފައިވަނީ އެ މައްސަލަ އެކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.
ކެނެޑާގައި ހުރެގެން އޭއެފްޕީ ނޫހަށް ދިން އިންޓަވިއުއެއްގައި ބަދަވީގެ އަންހެނުން، އިންސާފް ހައިދަރު ބުނެފައިވަނީ އެއީ އެންމެ ފަހުގެ ނިންމުން ކަމަށާއި އެނިންމުން ދެން ބަދަލެއް ނުކުރެވޭނެ ކަމަށެވެ.
އިސްލާމް ދީނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ބަދަވީ ހައްޔަރު ކުރީ، ލިބެރަލް ސައުދީ ނެޓްވޯކްގެ ނަމުގައި ބްލޮގެއް ހަދައި، އެ ބްލޮގް ގައި އިސްލާމް ދީނާ ބެހޭ ބަހުސްތަކާއި ސިޔާސީ ބަހުސްތައް ކުރިއަށް ގެންދާ ކަމުގެ ތުހުމަތުގައި އެވެ. މިމައްސަލާގައި އޭނާ ހައްޔަރުކޮށް ހުކުމް އިއްވުމާ ގުޅިގެން ބޭރުގެ ބައެއް ގައުމުތަކުން ވަނީ އެކަމާ މެދު ނުރުހުން ފާޅުކޮށް، އޭނާ މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާވެސް ކޮށްފައެވެ.
ބަދަވީގެ މައްޗަށް ކޮށްފައިވާ އެހުކުމް ތަންފީޒު ކުރުމުގެ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ 50 އެތިފަހަރުން ތައުޒީރުކޮށްފައެވެ. ބާކީ 950 އެތިފަހަރު ފަހުން ޖެހުމަށް ނިންމާފައިވާއިރު އޭނާގެ މެޑިކަލް ރިޕޯޓުތަކުން ދައްކާ ގޮތުގައި ތައުޒީރު ކުރުން ތަހައްމަލް ކުރާނެ ފެންވަރެއް އޭނާގެ ހަށިގަނޑުގައި ނެތެވެ.
ބަދަވީގެ އާއިލާއިން ބުނެފައިވާ ގޮތުގައި، 1،000 އެތިފަހަރުން ހައްދު ޖަހައިފި ނަމަ އޭނާ މަރުވުންވެސް އެކަށީގެންވެއެވެ.
ދީނަށް ފުރައްސާރަ ކުރި މީހާ 10 އަހަރަށް ޖަލަށް ލައި، 1،000 އެތިފަހަރުން ތައުޒީރު ކުރަން ސުޕްރީމް ކޯޓު ތާއީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ