މިހާރު 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އެމްޑީޕީފެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް އިންތިހާބަށް މަސައްކަތްކުރަންޔާ އެއީ ބޭކާރު ކަމެއްކަމަށް، ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ކޯލިޝަން ޖަލްސާގައި ވާހަކަދައްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ނަޝީދު ޖަލުން ނެރެން މަގުމަތީގައި މުޒާހަރާކުރުމަކީ ވެސް ބޭކާރު މަސައްކަތެއް ކަމަށެވެ.
"މުޒާހަރާ ކުރާ މީހުންގެ ފައިވާނުގެ ފޫ ނެއްޓިގެންދާނީ. އަޅުގަނޑުމެން ގާނޫނު ތަންފީޒު ކުރާނަން. ނަޝީދު ޖަލުން ސަލާމަތް ކުރަން މަސައްކަތްކުރުމުގެ ބަދަލުގައި، އާ ލީޑަޝިޕަކާ އެކު ކުރިއަށް ދިއުމަށް އެމްޑީޕީ އަށް އަޅުގަނޑު ގޮވާލަން." އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ މިރޭ ގާނޫނުއަސާސީއާ ހިލާފަށް ސަރުކާރުން ކަންކަން ކުރަމުން ގެންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތަކަށްވެސް ރައްދު ދެއްވާފައެވެ. އެގޮތުން މި ސަރުކާރުން އެއްވެސް ކަމެއް ގާނޫނީ އިމުގެ ބޭރުން ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ އިންސާފު ގާއިމްކުރުމުގައި ސަރުކާރު އޮންނާނީ ސާބިތު ކަންމަތީގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ ޗާޓުން ބޭރުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ފަދަ ދީނާ ހިލާފު އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށެވެ. އަދި ނަޝީދުގެ މައްޗަށް ދައުވާކޮށްގެން ނުވާނެ ކަމަށް ބުނުމަކީ، ރާއްޖޭގަައި އަދުލު އިންސާފު އޮވެގެން ނުވާނެ ކަމަށް ބުނުން ކަހަލަ ކަމެއް ކަމުގައި އުމަރު ސިފަ ކުރެއްވި އެވެ. ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަށް ފާޑުކިޔުމުން ދޭހަ ވަނީ ބޭނުން ކޮންމެ މީހަކު ހިފައި ހައްޔަރުކުރުމުގެ އިހުތިޔާރު އޮންނަންޖެހޭނެ ކަމަށް، އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރާ ކަން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަޝީދު އިންތިހާބަށް ނެރެން މަސައްކަތްކުރުން އެއީ ބޭކާރު ކަމެއް - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ