ލ.ކަލައިދޫ ސްކޫލުގައި ޕްރިންސިޕަލެއް ނެތުމުން އެ ސްކޫލުގެ ބެލެނިވެރިން ނުކުމެ އެރަށު ސްކޫލު ބަންދުކޮށްފިއެވެ.
"ވަގުތަށް" މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް މޫސާ ހަސަން ވިދާޅުވީ ބެލެނިވެރިން ނުކުމެ ސްކޫލް ބަންދު ކޮށްފައި ވަނީ ސްކޫލުގައި ޕްރިންސިޕަލެއް ނެތުމުން، އެކަމާ ނުރުހުން ފާޅު ކުރުމަށާއި އަވަސް ގޮތެއްގައި މި މައްސަލއަށް ހައްލެއް ލިބޭނެ ކަމުގެ އުންމީދުގައި ކަމަށެވެ.
މައިގަނޑު ކަންބޮޑުވުމަކީ ސްކޫލުގައި ޕްރިންސިޕަލެއް ނެތުން ކަމުގައި ވީނަމަވެސް ރަށު ސްކޫލުގައި ޓީޗަރުން މަދުވުން ފަދަ އިތުރު މައްސަލަތަކާއި ގުޅިގެންވެސް ބެލެނިވެރިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
"ޕްރިންސިޕަލެއް ލިބޭތޯ ބަންދު ކުރީ. ބައިވަރު ޑިމާންޑް ތަކެއް ކުރަމުން ގެންދިޔަ. ޕްރިންސިޕަލެއް ނެތުން ދެން ޓީޗަރުންވެސް މަދުވުން." އޭނާ ވިދާޅުވިއެވެ.
މޫސާ ހަސަން ވިދާޅުވީ އެރަށު ސްކޫލުގައި މިހާރުވެސް އެ އަތޮޅު ގަމުގައި ހުންނަ ކޮލެޖަށް ކިޔަވަންދާ 5 ވަރަކަށް ޓީޗަރުން އުޅޭ ކަމަށާއި، އެ ޓީޗަރުން ކިޔަވަން ދިއުމުން ބުރާސްފަތި ދުވަހު ދަށް ގްރޭޑް ތަކުގެ (1،2،3) ގެ ކިޔެވުން ކުރިއަށް ނުގެންދެވޭ ކަމަށެވެ.
"ގަމަށް ދަނީ ފެރީގައި. ގަމަށް ދިއުމަށް އެބަ ފުރާ ބުރާސްފަތި ދުވަހު ހެނދުނު 7 ޖަހާއިރު. ދެން ޓީޗަރުން ނަކަށް ނޯވެ އެދުވަހު ކިޔަވައިދީފައި ދެވޭކަށް. ހުކުރު ދުވަހުގެ ކްލާހަށް ބުރާސްފަތި ދުވަހު ފުރަނީ. އެނބުރި އަންނާނެ ހޮނިހިރު ދުވަހު." މޫސާ ވިދާޅުވިއެވެ.
މޫސާ ވިދާޅުވީ ބެލެނިވެރިންގެ ޝަކުވާ އަކީ މިއީ ކަމަށާއި، ބުރާސްފަތި ދުވަހު ކިޔަވައި ދިނުމަށްފަހު ލޯންޗެއްގައި ނަމަވެސް ޓީޗަރުންނަށް ގަމަށް ދެވޭނެ ގޮތް ހެދުމަށް ބެލެނިވެރިން ބުނަމުން އަންނަ ކަމަށެވެ.
މިހާރު އިހުތިޖާޖު ކުރުން ހުއްޓާލާފައި ވީނަމަވެސް، ހެނދުނު މުޒާހަރާތައް ކުރިއަށް ދިޔަ އިރު ސްކޫލުގެ ހުރިހާ ބެލެނިވެރިން ކަހަލަ ގޮތަކަށް އިހުތިޖާޖުގައި ބައިވެރިވެފައި ވާކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި އެޑިއުކޭޝަން އާއި މައުލޫމާތު ހިއްސާ ކުރުމަށް އެތައް ދުވަހެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް، ލ.އަތޮޅުގެ ކަންކަމާ އެޑިއުކޭޝަންގެ ފަރާތުން ހަވާލުވެގެން ހުންނެވި އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ކުރެވިފައި ނުވާކަމަށް މޫސާ ވިދާޅުވިއެވެ.
އެހެން ނަމަވެސް މިއަދު ބެލެނިވެރިންނާއި، ސްކޫލުގެ ޕްރިންސިޕަލާއި ރަށު ކައުންސިލް އިން ބޭއްވި ބައްދަލުވުމުގައި ސްކޫލާއި ގުޅޭގޮތުން ހުރި ޝަކުވާތައް ނޯޓު ކުރުމަށްފަހު މިނިސްޓްރީއަށް ފޮނުވާފައި ވާކަމަށް މޫސާ ވިދާޅުވިއެވެ. އަދި ހަފްތާއެއްގެ ތެރޭގައި އެދެވޭ ޖަވާބެއް ނުލިބިއްޖެ ނަމަ އަނެއްކާވެސް ސްކޫލު ބަންދުކޮށް އިހުތިޖާޖަށް ނުކުންނާނެ ކަމަށް ބެލެނިވެރިން ބުނެފައި ވާކަމަށް މޫސާ ވިދާޅުވިއެވެ.
ކަލައިދޫ ސްކޫލްގެ ބެލެނިވެރިން ނުކުމެ ސްކޫލް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ