އަބްދުﷲ ޤާޒީ ހައްޔަރުކުރީ މާރިޔާ ބުނެގެން - އަލްހާން

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ކްރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްފައިވަނީ ސީދާ އޭރުގެ ބަންޑާރަ ނައިބް އަބްދުﷲ މުއިއްޒުގެ ލަފާޔާއި ޚިލާފަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެގެންކަމަށް އެމްޑީޕީގެ ނައިބް ރައީސްކަމުން ދުރުކޮށްފައިވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލިސްގެ ކުއްލި ބައްދަލުވުމެއްގައި މަޤާމުން ދުރުކޮށްފައިވާ އިންތިހާބީ ރައީސް ޑރ. އިބްރާހިމް ދީދީއާއި، އިންތިހާބީ ނައިބް ރައީސް އަލްހާން ފަހުމީއާއި، ސެކްޓްރީ ޖެނަރަލް ކަމުން ވަކިކުރަން ޤައުމީ މަޖިލިސް އަށް ހުށައެޅުމަށް ނިންމާފައިވާ ހަސަން ޝާހު ބައިވެރިވެވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ދައުލަތުގެ ވެރިކަން ނުސީދާ ގޮތެއްގައި ވަކި އަންހެނެއްގެ ބާރުގެ ދަށަށް ގޮސްފައިވާ މަންޒަރު އެމްޑީޕީގެ ސަރުކާރުން ފެނިގެންދިޔަކަމަށާއި އެމްޑީޕީއަށް ފެނިގެންދިޔައީ އެކަމުގެ ނަތީޖާކަމަށެވެ. އަލްހާން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށްވެސް ބާންޑާރަ ނައިބް ދެކޮޅު ހަދަމުންދަނިކޮށް އެކަން ކުރެއްވީވެސް ސީދާ މާރިޔާގެ ލަފާގެ މަތިންކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ކޮށްފައިވާ ގިނަ ކަންތައްތަކެއް މާރިޔާގެ ލަފާގެ މަތިން ކޮށްފައިވާއިރު މިހާރުވެސް އެމްޑީޕީގެ ގިނަ ކަންތައް ނިންމަމުންދަނީ ސީދާ މާރިޔާގެ ލަފާގެ މަތިންކަމަށެވެ.
ދިޓީވީގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މަޤާމުން ދުރުކޮށްފައިވާ ޑރ. ދީދީ ވިދާޅުވީ އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަޤާމުން ހުސައިން ޝާހް ވަކިކުރަން މަސައްކަތްކުރަނީ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގެ ނަތީޖާތައް ޕާޓީގެ ނުފޫޒު ގަދަ ބައަކު ބޭނުންވާގޮތަށް ނެރެން ބޭނުންވާތީ އެކަމަށް މަގުފަހިކުރަން ކަމަށެވެ.
ޑރ. އިބްރާހީމް ދީދީ ވިދާޅުވީ އެމްޑީޕީގެ ރައީސަކު އިންތިޚާބުކުރުމަށް ކުރިން ބޭއްވި އިންތިޚާބުގެ ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ގެންދިއަ އިރުވެސް އެކަންކަން ބަލައި ނުފޫޒު ފޯރުވަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ގިނައަދަދެއްގެ މުވައްޒިފުން ތިބިކަމަށާއި ޕާޓީގެ އިންތިހާބީ މީހުން ނެތް ކަމަށެވެ. އަދި ޑީޑީއަށް ލިބިވަޑައިގެންނެވި ވޯޓުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ ކަންކަން ކުރަން އެކިއެކި މަސައްކަތްތައް ކުރި ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހު ވިދާޅުވީ އޭނާ އެ މަގާމުގައި ހުންނެވީ ޕާޓީގެ ޗެއާޕާސަނާއި ރައީސްއާ ދެމެދު ތާށިވެފައި ކަމަށާއި މަސައްކަތްކުރަން އެއްގޮތަކަށް ވެސް ފުރުސަތު ނުލިބޭ ކަމަށެވެ. އަދި އޭނާއާ މެދު ޕާޓީގެ އިސް ވެރިންގެ ތެރެއިން ބަޔަކު ހިތްހަމަނުޖެހުނީ އެންމެ ފަހުން ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ނުފޫޒު ފޯރުވޭ ގޮތް ނުވުމުން ކަމަށް ވެސް ވިދާޅުވި އެވެ.
“ޕާޓީގެ ރައީސް ކަންކަން ކުރަން ބޭނުންވާގޮތް އިސްލީޑަރަކަށް ކަމަކޫ ނުދޭ. އިސްލީޑަރަށް ކަމުދާ ގޮތް ރައީސަކަށް ކަމަކު ނުދޭ. ޕާޓީން ހިންގަން ކުރަންޖެހޭ ކަންކަން ހުންނަނީ ނުކުރެވި އެދެމެދުގައި ފިތި ބާރުވެފައި.”ޝާހު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ