ކޮމެޓީތައް ނުބާއްވަން މައުމޫން އަނެއްކާވެސް އަންގަވައިފި

ޕީޕީއެމްގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށް ދާތީ އެއްވެސް ކޮމެޓީއެއް ނުބާއްވަން ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަނެއްކާވެސް އަންގަވައިފި އެވެ.
މައުމޫން މިގޮތަށް އެންގެވީ، އެމަނިކުފާނުގެ ހުއްދަ ނެތި ކޮމެޓީތައް ނުބާއްވަން އަންގަވާފައި ވަނިކޮށް، ޕާޓީ އޮފީހުން ބޭރުގައި ސުލޫކީ ކޮމެޓީ ބާއްވައި ޕާޓީގެ ބައެއް މެމްބަރުންނާ މެދު ފިޔަވަޅު އަޅާތީ އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ މީހުން ހިމެނޭ ސުލޫކީ ކޮމެޓީން ވަނީ މައުމޫންގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނާއި ކައުންސިލް މެމްބަރު އަދި ޖެންޑާ މިނިސްޓްރީގެ ކުރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އާމިނަތު ނާދިރާ އާއި ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ޕާޓީން ވަކިކޮށްފަ އެވެ.
ޕީޕީއެމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޕާޓީގެ އިސްލާހީ ޕްރޮގްރާމް ކުރިއަށް ދާތީ ކޮމެޓީތައް ނުބޭއްވުމަށް މައުމޫން އެދިވަޑައިގަންނަވާ ކަން ސުލޫކީ ކޮމެޓީ އަށް ވެސް ލިއުމަކުން އަންގާފައިވާ ކަމަށެވެ.
ސުލޫކީ ކޮމެޓީގެ ނިންމުންތައް ސައްހަވާނެ ކަމަށާއި އެ ނިންމުންތައް ތަންފީޒުކޮށްދޭން ޕާޓީ އޮފީހުގައި އެ ކޮމެޓީން ވަނީ އެދިފަ އެވެ.
ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ ޕާޓީ ތެރޭގައި މިހާރު ވަނީ ދެ ފެކްޝަން އުފެދިފަ އެވެ. ޕާޓީގެ ހިންގުން ހަރުދަނާކުރަން އިސްލާހީ އެޖެންޑާއެއް މައުމޫން އެކުލަވާލައްވާފައިވާއިރު ޕާޓީ ކައުންސިލްގެ ހުއްދަ ނެތި އެމަނިކުފާނަށް އެކަން ނުކުރެއްވޭނެ ކަމަށް ރައީސް ޔާމީން ފެކްޝަންގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ