ރާއްޖޭގެ ވެރިކަން ބަދަލު ކުރީ "ބަޣާވާތަކުން" ކަމަށާއި، "ބަޣާވާތުގެ" އަޑީގައި ހުންނެވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމް ކަމަށް، ފެބްރުއަރީ 7 ވަނަ ދުވަހު އަމިއްލަފުޅަށް އިސްތިއުފާދެއްވި ރައީސް، ގ.ކެނެރީގޭ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ގދ.ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، "ބަޣާވާތް" ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ކަމަށާއި، މި "ބަޣާވާތުގައި" މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވަހީދު ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ "ބަޣާވާތް" ކުރުމުގައި ސިފައިންގެ ތެރެއިން ބަޔަކުވެސް ބައިވެރި ކަމަށާއި، އޭގެ ތެރޭގައި ސިފައިންގެ ޖެނެރަލުންވެސް ހިމެނޭ ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ، އެ ޖެނެރަލުން ހަދަން ވާގޮތް އަންގަމުން ދިޔައީ ކުރީގެ ރައީސް މައުމޫން ކަމަށެވެ. އިތުރަށް ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުކުރުމުގައި ބޮޑެތި ވިޔަފާރިވެރިން ޚަރަދުކޮށްފައިވަކަމަށެވެ.
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.ވަހީދު އެމް.ޑީ.ޕީގެ މެނިފެސްޓޯގައި ސޮއި ކުރެއްވި ކަމަށާއި، އޭރު އެ މެނިފެސްޓޯގައި ހުރި ކަންތައް މިހާރު ރައީސްއަކަށް ހުންނަވައިގެން އެ ތަންފީޒު ނުކުރައްވާ، ޕީ.ޕީ.އެމްގެ ސިޔާސަތު ތަންފީޒުކޮށްގެން ނުވާނެ ކަމަށާއި، އެގޮތަށް އެކަންކަން ތަންފީޒު ނުކޮށްފިކަމަށްވާނަމަ ރައީސް ޑރ.ވަހީދުވެސް "ބަޣާވާތް" ކުރެއްވީ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ، އެމް.ޑީ.ޕީއަށް ރާއްޖޭގެ ވެރިކަން ގަދަބާރުން ބަދަލުކުރެވިދާނެކަމަށާއި، އެހެންނަމަވެސް އެގޮތަށް އެކަން ކުރަން ބޭނުން ނުވާ ކަމަށެވެ.
"މާލޭގައި 200 ފުލުހުން ލަޓިބުރި ހިފައިގެން ނުކުތީމާ، ތިނަދޫގައި ތިއްބެވި 200 އާންމުންނަށް ކުރެދި ފޭއްސައިގެން މާލެ ނޭރޭނެތޯ؟.. ނޭކުރެންދޫ މީހުންނަށް ނޭރޭނެތޯ؟ .. އަޅުގަނޑުމެންނަށް ބާރުން މިރާއްޖޭގެ ވެރިކަން ބަދަލުކުރެވޭނެ، އެކަމަކު އެގޮތެއް އަޅުގަނޑުމެން ބޭނުމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި "ބަޣާވާތް" ކުރީ ރައީސް މައުމޫން – ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ