ރިޕޯޓްގައި ޑރ. ޝަހީމަށް މަރުގެ ތުހުމަތުކޮށްފައެއް ނެތް: އުމަރު

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް މަރު ކޮމިޝަނުން ނެރުނު ރިޕޯޓްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ މެދު މަރާ ގުޅުންހުރި ތުހުމަތެއް ކޮށްފައި ނުވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވެފައި މިވަނީ މަރު ކޮމިޝަންގެ ރިޕޯޓް އާންމުކުރިއިރު ޑރ. އަފްރާޝީމް މަރުގެ އިލްޒާމް ޑރ. ޝަހީމްގެ އިސްތަށިފުޅުގައި އަޅުވާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ޑރ. ޝަހީމްގެ ދިފާއުގައި ވާހަކަދައްކަވަމުން ގެންދަވާ ވަގުތެއްގަ އެވެ.
އުމަރުގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި މަރު ކޮމިޝަނުން ނެރުނު 121 ސޮފްހާގެ ރިޕޯޓް އެއްކޮށް އޭނާ ވިދާޅުވެފައިވާ ކަމަށެވެ. މިރިޕޯޓް ވިދާޅުވިއިރު ރިޕޯޓްގެ އެއްވެސް ބައެއްގައި ޑރ. ޝަހީމާ މެދު މަރާ ގުޅުންހުރި ތުހުމަތެއް ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
"ހަމައެކަނި ތުހުމަތަކީ ދޮގު މައުލޫމާތެއް ދެއްވި ކަމުގެ ތުހުމަތު. އެ މައުލޫމާތަކީ ދޮގެއް ކަމަށް ވިޔަސް ތެދެއް ކަމަށް ވިޔަސް އެކަމަކީ މިމަރަށް އެއްވެސް އަސަރެއް ފޯރާނެ ކަމެއް ނޫން ކަން މިރިޕޯޓުން އެނގެ އެވެ." އުމަރު ވިދާޅުވެފައިވެ އެވެ.
އުމަރު ވިދާޅުވީ މަރު ކޮމިޝަންގެ ރިޕޯޓް އެއްކޮށް ކިޔާލުމުން އެނގެނީ އިސްލާމިކް މިނިސްޓަރެއްގެ ހައިސިއްޔަތުން ޑރ. ޝަހީމް އަމަލުކޮށްފައިވަނީ އިލްމުވެރިންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުމެއް ނައްތާލައި، ހުރިހާ އިލްމުވެރިން އެކުވެރި ކުރެއްވުމަށް ކަމަށެވެ.
"މިއީ އެމަނިކުފާނަށް ޝުކުރު އަދާކުރުން ހައްގު މަސައްކަތެކެވެ." ޑރ. ޝަހީމް ކުރެއްވި މަސައްކަތްތަކަށް ތައުރީފް ކުރައްވަމުން ވިދާޅުވެފައިވެ އެވެ.
މަރު ކޮމިޝަންގެ ރިޕޯޓް އެކުގައި މަޖިލީހުގެ ޖަލްސާގައި ވިދާޅުވުމުގައި ބަދަލުގައި އެ ރިޕޯޓްގެ ބައެއް މަޖިލީހުގެ ރައީސް ވިދާޅުވެ، ޑރ. ޝަހީމް ބަދުނާމް ކުރައްވާ ވާހަކަ ދެއްކެވި ކަމަށް ވިދާޅުވެ އުމަރު ވަނީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އުމަރު ވިދާޅުވީ އެއް ރިޕޯޓަކަ މެދު އެއްވެސް ވާހަކައެއް އެއްވެސް ބޭފުޅަކު ވިދާޅުވުމުގެ ކުރިން މުޅި ރިޕޯޓް ކިޔުއްވާ، ދިރާސާ ކުރައްވާފައި ނުނީ ވާހަކަ ދެއްކެވުމަކީ އެއްވެސް ބޭފުޅަކު ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.
އުމަރު ވަނީ ރާއްޖޭގައި ދީނީ އިލްމު ފެތުރުއްވުމަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންގެ އަގުހުރި މަސައްކަތްތަކަށް ބަރަކާތް ލެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
މަރު ކޮމިޝަންގެ ރިޕޯޓްގައި ވަނީ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ޑރ. ޝަހީމް ލިޔުމުން އެ ކޮމިޝަނަށް ދެއްވި ޖަވާބުގައި ދޮގު މައުލޫމާތު ހިމެނޭ ކަމަށެވެ. ނަމަވެސް ޑރ. ޝަހީމް ވަނީ އެއީ އޭނާގެ އަބުރު ކަތިލުމަށް ކުރި ކަމެއް ކަމަށް ވިދާޅުވެ ކޮމިޝަންގެ ރިޕޯޓްގައި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ