ބަދަލުގެ ގޮތުގައި އެލައިޑުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

ކަސްޓަމަރުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި އެލައިޑް އިންޝުއަރެންސުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.
އެލައިޑުން ބުނީ އެ ކުންފުނިން ވަނީ މިދިޔަ މަހުގެ 18 އިން 29ގެ ނިޔަލަށް ބަދަލުގެ ގޮތުގައި 2،339،000 ރުފިޔާ (ދެ މިލިޔަން ތިން ލައްކަ ތިރީސް ނުވަހާސް ރުފިޔާ) އަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ އެވެ.
މީގެތެރޭގައި ހިމެނެނީ މިއަހަރުގެ އޮގަސްޓް 18 އިން 22 އާ ދެމެދު ދޫކުރި 350،000 ރުފިޔާ (ތިން ލައްކަ ފަންސާސް ހާސް ރުފިޔާ) އާއި އަދި އޮގަސްޓް 25 އިން 29 އާ ދެމެދު ދޫކުރި 1،989،000 ރުފިޔާ (އެއް މިލިޔަން ނުވަލައްކަ އައްޑިހަ ނުވަހާސް ރުފިޔާ) އަށް ވުރެ ގިނަ ރުފިޔާ އެވެ.
އެލައިޑުން ވަނީ މިދިޔަ ޖުލައި މަހު ބަދަލުގެ ގޮތުގައި 5.6 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އަދި މިދިޔަ ޖޫން މަހު ވެސް ބަދަލުގެ ގޮތުގައި 9.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ.
އެލައިޑް އިންޝުއަރެންސް ކުންފުނީގެ ފައިދާ އިތުރުވެ އިންޝުއަ ކުރުމުގެ ގާބިލްކަން 140 މިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރަންސް ހިދުމަތް ދެމުންގެންދާ ކުންފުނި ކަމަށްވާ އެލައިޑުން އަންނަނީ ކުންފުނިތަކުގެ އިތުރަށް އަމިއްލަ ފަރުދުންނަށްވެސް އިންޝުއަރަންސް ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.
މީގެތެރޭގައި މެޑިކަލް، މޮޓޯ އަދި ލައިފް އިންޝުއަރެންސް ފާހަގަކޮށްލެވެ އެވެ. އިންޝުއަރެންސްތަކުގެ މައުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށްވެސް އެލައިޑުން އަންނަނީ ތަފާތަު އުކުޅުތައް ބޭނުންކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ