ރައީސް ޔާމީނުގެ މައްސަލައިގައި، އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ރައީސް ސޯލިހާ ބައްދަލުކުރަނީ

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރަން ހަމަޖެހިއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް ހޫދު ދާދި ދެންމެ "ވަން އޮންލައިން" އަށް ވިދާޅުވ، ޕީޕީއެމް/ޕީއެންސީން މިއަދު ހަވީރު 04:00 ގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން ހަމަޖައްސާފައިވާ ކަމަށެވެ. އެހެން ނަމަވެސް މި ބައްދަލުވުމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހޫދު ނުދެއްވަ އެވެ.
ޕީޕީއެމް ގެ އިސް ބޭފުޅަކު "ވަން އޮންލައިން" އަށް ވިދާޅުވީ ރައީސް ސޯލިހާ އެކު ބާއްވާ މި ބައްދަލުކުރެއްވުމުގައި، ރައީސް ޔާމީނަށް ގާނޫނީ އިމުގެ ތެރެއިން ހޯދައިދެވޭން ހުރި ލުޔިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެ ނޫން ވެސް މުހިންމު ގިނަ ކަންތައްތަކެއްގައި މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ދެން އެއްވެސް ޝައްކެއް ނެތް އެންމެ ބޮޑު އަދި ސީރިއަސް ސަބްޖެކްޓަކަށް ވާނީ ރައީސް ޔާމީންގެ މައްސަލަ. އެކަމަކު އެއީ ޝަރީއަތުގެ މަރުހަލާގައި ކޯޓުގައި ވެސް އޮތް މައްސަލައެއް. ގާނޫނީ އިމުން ބޭރުން ކަމެއް ކުރާކަށް ނުވަތަ ކޮށްދިނުމަކަށް ވެސް އަޅުގަނޑުމެން ނޭދޭނަން. އެކަމަކު ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮސް ލުޔެއް ލިބޭތޯ ބަލާނަން." ވަން އާ ވާހަކަދެއްކެވި އޮފިޝަލު ވިދާޅުވި އެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާ ހަވާލާދީ، އޮންލައިން ނޫސް ސީއެންއެމް އިން ބުނީ މި ބައްދަލުވުމުގައި، ރައީސް ޔާމީނުގެ ޝަރީއަތް ކުރިޔަށް ދިޔަ ގޮތާ ގުޅޭ ގޮތުންނާއި އެމަނިކުފާނު މިނިވަން ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ހަމަޖައްސާފައިވާ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ރައީސް ސޯލިހާ ބައްދަލު ކުރާ އިރު، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް އެ ކޯލިޝަނުން ދަނީ ކުރަމުންނެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތް ހުއްޓާ ނުލައި ކުރިޔަށް ގެންދާނެ ކަމަށާއި އެމަނިކުފާނު ވަރަށް އަވަހަށް މިނިވަން ކުރާނެ ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ. ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމް/ޕީއެންސީގެ މެންބަރުން ދަނީ މަޖިލީހުގެ ޖަލްސާ ތަކުގައި ވެސް ކޮންމެ ދުވަހަކު ވަކި ވަގުތުކޮޅެއް ވާންދެން މި މައްސަލައިގައި އިހުތިޖާޖު ކުރަމުންނެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެމަނިކުފާނުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ