ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ތިން ބޭފުޅަކަށް ކޮމެޓީން ރުހުންދީފި

ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ރުހުން ދީފި އެވެ. އެ ތިން ބޭފުޅުންނަކީ ކޮމެޓީން އިންޓަވިއު ކުރި ބޭފުޅުންގެ ތެރެއިން 75 ޕަސެންޓަށް ވުރެ ގިނައިން މާކުސް ލިބިވަޑައިގެންނެވި ފަރާތްތަކެވެ. ަހަތްދިފަސް ޕަސެންޓަށް ވުރެ މަތީން މާކުސް ލިބިވަޑައިގެންނެވި ތިން ބޭފުޅުންނަކީ މާލެ، ގ. ނިއުވޭވްސް އަހުމަދު ހަސަން ދީދީއާއި ސ. ހިތަދޫ، ރަށްދެބައިގެ ޑރ. އަބްދުﷲ ނަސީރުގެ އިތުރުން މާލެ، ހ. މެރީކުއިން ޑރ. އަލީ ޝަމީމު އެވެ. ސިވިލް ސާވިސް ކޮމިޝަގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު ލަތީފް މަގާމުން އިސްތިއުފާދެއްވާފައިވާތީ އާއި ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ހަސަން ދީދީ އަދި ކޮމިޝަންގެ މެމްބަރު ޚަދީޖާ އާދަމްގެ މެމްބަރު ކަމުގެ މުއްދަތު ހަމަވެފައިވާތީ އެވެ. ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. ލަތީފް ދާދިފަހުން ވަނީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ރައީސް ޔާމީން އައްޔަން ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ