ޕީޕީއެމްގެ ކެންޑިޑޭޓުން ރަމްޒުކޮށް ދެނީ ގައުމު: މައުމޫން

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓުން ރަމްޒުކޮށް ދެނީ "ގައުމު" ކަމަށާއި އެއީ އެފަދަ ދެވަނަ މިސާލެއް ނެތް ފަދަ ކެންޑިޓޭޓުން ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކީ ޑރ. މުހަންމަދު ޖަމީލް އަހުމަދުކަން އިއުލާން ކުރެއްވި ފަހުން މާލެ އިން ބޭރުގައި ބޭއްވި އެ ޕާޓީގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ޔާމީނާއި ޖަމީލަކީ ގާބިލް، އަމާނާތްތެރި އަދި މުރާލި ދެ ބޭފުޅުން ކަމަށެވެ. ކުރީގެ ރައީސް މައުމޫން ވިދާޅުވީ އެ ތިން ސިފައިގެ ފެށޭ އަކުރު އެއްކޮށްލުމުން ދޭހަކޮށް ދެނީ "ގައުމު" ކަމަށާއި ޕީޕީއެމުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓޫންނަކީ އެފަދަ ދެވަނަ އެއް ނެތް ބޭފުޅުން ކަމަށެވެ. މައުމޫން އިތުރަށް ވިދާޅުވީ އެ ބޭފުޅުންނަކީ ތައުލީމާއި ތަޖުރިބާގެ ގޮތުން ބެލިޔަސް އަދި އަހުލާގީ ގޮތުން ބެލިޔަސް ފާހަގަކޮށްލެވޭ ފަދަ ދެ ބޭފުޅުން ކަމަށެވެ. އަދި ޔާމީނާއި ޖަމީލަކީ ވެސް ސަރުކާރުގެ އިސް މަގާމްތަކެއް ފުރުއްވައި، ރައްޔިތުންގެ ގަދަރާއި އިހުތިރާމް ވެސް ހޯއްދަވާފައިވާ ދެ ބޭފުޅުން ކަމަށް މައުމޫން ވިދާޅުވި އެވެ. އެހެންވެ މި އަހަރުގެ ސެޕްޓެމްބަރު 7 ގައި ބާއްވާ ރިޔާސީ އިންތިހާބު ތަނަވަސް އަޢުލަބިއްޔަތަކުން ޕީޕީއެމް ކާމިޔާބު ކުރާނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެތް ނެތް ކަމަށް މައުމޫން ވިދާޅުވި އެވެ. ވެހެމުން ދިޔަ ވާރޭގެ ތެރޭގައި ސ. ހިތަދޫގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އައްޑުއަކީ އަބަދުވެސް އެ މަނިކުފާނުގެ އިހުތިރާމާއި ގަދަރު ލިބިގެންވާ ރާއްޖޭގެ "މުގުލުގައި" އޮތް އަތޮޅު ކަމަށެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގައި އައްޑޫގެ ތަރައްގީ އަށް ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ސަރުކާރެއް މި އަހަރު އައުމަށް ފަހު ވެސް އައްޑޫގެ ތަރައްގީ އަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ