ކުދި ޕާޓީތަކަކީ ނެތް ޕާޓީތަކެއްގެގޮތުގައި ރައީސް މައުމޫނު ސިފަކުރައްވައިފި

ޕީޕީއެމާއި އެމްޑީޕީ ފިޔަވައި ދެން ހުރި ކުދިޕާޓީތަކަކީ ނެތް ޕާޓީތަކެއްގެގޮތުގައި ޕީޕީއެމުގެ ލީޑަރ ރައީސް މައުމޫނު އަބުދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޕީޕީއެމުގެ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމާއި އެމްޑީޕީ ފިޔަވައި ދެން ހުރި ޕާޓީތަކަކީ ހިލަމެއް ވެސްނުވާ ޕާޓީތަކެއް ކަމަށާއި އެހެން ކަމުން ޕީޕީއެމް އާ ދިމާލަށް ފާޑުފާޑުގެ ބަހުގެ ހަމަލަތަކާއި އެނޫންވެސް ހަމަލަތައް އަންނާނެކަމަށެވެ.
" ގިނަ ޕާޓީތަކެއް އުފެދިފައިވާއިރު އޭގެ ތެރެއިން ގިނަ ޕާޓީތަކަށް ފާޑުކިޔާ ކޮމެންޓްނުކުރަނީ އެއީ ސިޔާސީ ޕާޓީތަކެއްކަމަށް ގަބޫލުނުކުރާތީ. ފާޑު ކިޔުމުގެ ތީރުތައް އަންނަ ޕާޓީއަކީ ޕީޕީއެމް ފިޔަވައި އެމްޑީޕީ. އެމްޑީޕީއަކީ ޕީޕީއެމް ގަބޫލްކުރާ ސިޔާސަތުތަކެއް ގެންގުޅޭ ޕާޓީއެއް ނޫން. އެޕާޓީން ކުރާ އެއްވެސްކަމަކަން ތާއިދެއް ނުކުރެވޭނެ،" މައުމޫނު ވިދާޅުވިއެވެ.
މައުމޫނު ވިދާޅުވިގޮތުގައި އެމްޑީޕީގެ ސިޔާސަތުތައް ގަބޫލުނުކުރި ނަމަވެސް އަދި އެޕާޓީން ކުރާ އެއްވެސްކަމަކަން ތާއިދުނުކުރި ނަމަވެސް އެމްޑީޕީއަކީ ޕާޓީއެއްކަމަށް ގަބޫލުކުރަންޖެހެއެވެ. ކިތަންމެ ނުގަބޫލަސް އެމްޑީޕީން ހަރަކާތްތަކެއް ހިންގާ ކަމަށާއި އެހެން ކަމުން ޕީޕީއެމުގެ ހަމަލަތައް އެމްޑީޕީއަށް އަމާޒުވާނެކަމަށް މައުމޫނު ވިދާޅުވިއެވެ.
"އެކަހަލަ ހަމަލަތައް ނުދާ ޕާޓީތަކަކީ މީހެއްގެ ހިލަމެއްނުވާ ހަބަރެއް ދަބަރެއްނުވާ ޕާޓީތަކެއް. އެހެން ވީމާ އެ ޕާޓީތަކަށް ހަމަލައެއްނުދާނެ. ހަމަލަތައް އަންނަމުންދިޔަ ނަމަވެސް ކަން ބޮޑުވެ ވަޑައިނުގަންނަވާތީ. އެއީ މައްސަލައެއް ނޫން. ޓީވީ އާއި ނޫސްތަކުން ހަމަލަތައް ދޭނީ ނުވަތަ ހަމަލަތައް އަމާޒުވަނީ އެފަދަ ޕާޓީތަކަށް،" މައުމޫނު ވިދާޅުވިއެވެ.
މައުމޫނު ވިދާޅުވިގޮތުގައި ޕީޕީއެމާ ގުޅޭ ޒުވާނުންގެ އަދަދު އަންނަނީއިތުރުވަމުން ކަމަށާއި އެހެންކަމުން އެޕާޓީއަކީ ޒުވާނުންގެ ޕާޓީއެކެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމުގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަދި މުލަކު ދާއިރާގެ މެމްބަރ އަބުދުﷲ ޔާމީނު ވިދާޅުވީ އިންތިހާބަކަށް ވާދަކުރެވޭވަރުގެ އޮތީ ދެ ޕާޓީ ކަމަށާއި އެހެން ކަމުން އެހެން ޕާޓީތަކުގެ މެމްބަރުންނަށް ޕީޕީއެމުގެ ދޮރު ހުޅުވިފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ