ނައިބު ރައީސް އަދީބުގެ އިސްތިއުނާފް މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ހަވީރު
ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބަހައްޓަން ދަށު ކޯޓުން ކުރި އަމުރުގެ އިސްތިއުނާފްގެ ފުރަތަމަ އަޑުއެހުން މިއަދު ހަވީރު ބާއްވަން ހައި ކޯޓުން ނިންމައިފި އެވެ. ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނައިބު ރައީސް އަދީބުގެ 15 ދުވަހަށް ބަންދުގައި ބަހައްޓަން ދަށު ކޯޓުން އަމުރުކޮށްފައިވާއިރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ އަދީބުގެ ފަރާތުންނެވެ. އެ މައްސަލަ ބަލައިގަތީ މިއަދުގެ ވަގުތެއްގަ އެވެ. އަދީބުގެ ވަކީލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައިވަނީ މިއަދު ހަވީރު 4:45 ގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވަން ހައި ކޯޓުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ އަޑުއެހުމަށް އަދީބު މާލެއަށް ގެންނަ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ. ދަށު ކޯޓުން އަދީބުގެ ބަންދާ މެދު ގޮތެއް ނިންމީ އެމަނިކުފާނު މާލެ ގެނައުމުގެ ބަދަލުގައި ކ. ދޫނިދޫގައި އެމަނިކުފާނު ބަހައްޓައިގެން ކްރިމިނަލް ކޯޓާ ވީޑިއޯ ކޮންފަރެންސްކޮށް، ގުޅާލައިގެންނެވެ. ނައިބު ރައީސް އަދީބު ހައްޔަރުކޮށްފައިވާއިރު އެމަނިކުފާނާ ގުޅުންހުރި ގިނަ ތަންތަން ފުލުހުންނާއި ސިފައިން ވަނީ ފާސްކޮށްފަ އެވެ. އަދި އެމަނިކުފާނާ ގުޅުންހުރި ބައެއް މީހުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ