ކޯނީގެ ނިންމުންތަކަށް ހުރިހާ ޕާޓީތަކަކުން ވެސް އިހުތިރާމު ކުރުމަށް ކޮމަންވެލުތުން އެދޭނެ: ޑރ.ޝަހީދު

ވެރިކަން ބަދަލުވީ ގޮތުގެ ތަހުގީގު ހިންގުމަށް އުފައްދާފައިވާ ކޮމިޝަންގެ ނިންމުންތަކަށް ހުރިހާ ޕާޓީތަކަކުން ވެސް އިހުތިރާމު ކުރުމަށް ކޮމަންވެލްތު މިނިސްޓީރިއަލު އެކްޝަން ގުރޫޕުން ބާރު އަޅާނެ ކަމަށް ކުރީގެ ހާރިޖީ ވަޒީރު ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ސްވިޒަލެންޑްގެ ލުގާނޯގައި ހުންނަވައިގެން ސީއެންއެމަށް ފޯނުން މައުލޫމާތު ދެއްވަމުން ޑރ.ޝަހީދު މިއަދު ވިދާޅުވީ ކޯނީގެ ރިޕޯޓު ނެރޭ ދުވަސްކޮޅާ ދިމާކޮށް ކޮމަންވެލްތުގެ ހާއްސަ މަންދޫބު ސަރ ޑޮނަލްޑް މެކިނަން ވެސް ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ކޯނީގެ ރިޕޯޓާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅު ސީމެގުގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ޑރ.ޝަހީދު ވިދާޅުވިއެވެ.
ކޯނީގެ ރިޕޯޓާ ބެހޭ ގޮތުން ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅު ސީމެގުން ބައްދަލު ކުރާނެ ކަމަށާއި ކޯނީގެ ރިޕޯޓު ނެރުމާ ދިމާކޮށް ސަރ ޑޮނަލްޑް މެކިނަން ވަޑައިގަންނަވާނެ ކަމަށް ޑރ.ޝަހީދު ވިދާޅުވި އިރު ކޮމަންވެލްތުން އަދި ރަސްމީކޮށް އޭގެތެރެއިން އެއްވެސް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޑރ.ޝަހީދު ވިދާޅުވީ އެމަނިކުފާނަށް އެމައުލޫމާތުތައް ލިބިލެއްވީ ސީމެގުގެ މެމްބަރު ގައުމުތަކުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ