ޑީއާރޕީގެ މަޑިޗަކުންޗަމްޕާސް އުސޫލުތައް ދިވެހިން ބަލައެއް ނުގަނޭ: އުމަރު ނަސީރު

ޑީއާރޕީގެ ލީޑަރޝިޕަކީ ކަންނެތް ލީޑަރޝިޕެއް ކަމަށާއި އެޕާޓީން ގެންގުޅޭ މަޑިޗަކުންޗަމްޕާސް އުސޫލަކީ ދިވެހިން ބަލައިގަންނަ އުސޫލެއް ނޫން ކަމަށް ޕީޕީއެމްގެ އިންތިގާލީ ނައިބް ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރޭ ޅ.ނައިފަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމަކީ ހަރުކަށި ޕާޓީއެއް ކަމަށާއި އެޕާޓީއާ ނުގުޅުމަށް ތަސްމީނު ގޮވާލާފައިވާ ގޮވާލެއްވުމަށް ރައްދު ދެއްވަމުން އުމަރު ނަސީރު މިއަދު ވިދާޅުވީ، ދިވެހިންނަކީ ކަންކަން ކުރަން ނުކެރޭ، ކަންނެތް ސިޔާސަތު ގެންގުޅޭ ޕާޓީތަކަށް ތާއިދު ކުރާ ބައެއް ނޫން ކަމަށާއި، ދިވެހިން ބޭނުންވަނީ ކަންކަން ކުރަން ކެރޭ، ގާބިލު ސިޔާސީ ލީޑަރުންތަކެއް ކަމަށެވެ.
އުމަރު ވިދާޅުވީ ޑީއާރޕީގެ ތެރެއިން ޒެޑް ޑިއާރޕީއެއް ވެސް އުފައްދަން ޖެހުނީ ލީޑަރޝިޕްގެ ފިނޑިކަމުގެ ސަބަބުން އެޕާޓީން ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވުމުން ކަމަށެވެ.
"މިހާތަނަށް ބަލާއިރު، ސަރުކާރު މާ ފުރިހަމައަށް ޒިންމާދާރު ކުރެވިފައިވާނީ ޒެޑް ޑީއާރޕީއާއި ޕީޕީއެމަށް"އުމަރު ވިދާޅުވިއެވެ.
އަދި ޕާޓީ ދޫކޮށް ގިނަ އަދަދެއްގެ އާއްމު މެމްބަރުން ޕީޕީއެމާ ގުޅުމާއި، ޑީއާރޕީއަށް ތާއިދު ކުރާ މެމްބަރުން އެޕާޓީން ވަކިވަމުން ދިއުމަކީ ޑީއާރޕީގެ ސިޔާސަތުތަކަށް ރައްޔިތުން ނުގަބޫލުކަން ދައްކުވައިދޭ ހެއްކެއް ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
ޑީއާރޕީގެ މަޑިޗަކުންޗަމްޕާސް ސިޔާސަތުތަކަށް ރައްޔިތުން ތާއިދު ނުކުރާ ކަމަށް އުމަރު ނަސީރު ވިދާޅުވެފައިވާ އިރު، ޕީޕީއެމާއި އެމްޑީޕީއަކީ ހަރުކަށި ކަންކަމުގައި ހައްދުފަހަނަޅާދާ ދެޕާޓީ ކަމަށް ތަސްމީނުވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ