ޒިޔަދަމް މަރާލި މައްސަލާގެ ޝަރީއަތް ކެންސަލް

ލ. މުންޑޫގައި ހިންގި މާރާމާރީއެއްގައި އެ ރަށު ނޫވިލު އަލީ ޒިޔަދަމް، 29، މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލި ދެ މީހުންގެ ޝަރީއަތް މިއަދު ކެންސަލްކޮށްފި އެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި އެ މައްސަލާގައި ބާއްވަން އޮތް ދެ ވަނަ އަޑުއެހުން ކެންސަލްކުރީ އެ ދެ މީހުންނަށް ވަކީލަކު ހަމަޖެހިފައިނުވާތީ އެވެ. ފުރަތަމަ އަޑުއެހުން މި މަހުގެ ފުރަތަމަ ދުވަހު ބޭއްވުމަށް ފަހު ވަކީލަކު ހަމަޖައްސަން މިއަދުގެ ނިޔަލަށް ވަނީ ފުރުސަތު ދީފަ އެވެ. ޒިޔަދަމް މަރާލި މައްސަލާގައި ލ. މުންޑޫ ހީނާވިލާ، މުހައްމަދު ޝަނޫނާއި އެ ރަށު ބީޗް ވިލާ އަލީ ޝިފާމުގެ މައްޗަށް ދައުލަތުން ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. މާޗް 20ގައި މުންޑޫ ވަގުތީ ހިޔާ ދޮރުމަތީގައި ޒިޔަދަމް އާއި އިތުރު ބަޔަކު މަރާމާރީ ހިންގަމުން ދަނިކޮށް އެތަނަށް ޝަނޫނާއި ޝިފާމު ގޮސް އޭނާއަށް ހަމަލާދީފައިވާ ކަމަށް ދައުވާގައި ބުނެ އެވެ. އަދި ވަގުތީ ހިޔާއަށް ޒިޔަދަމް ވަނުމުން ފަހަތުން ގޮސް އޭނާ މަރާލީ އަށް އިންޗި ހުރި ވަޅިއެއް އޭނާގެ ގަޔަށް ހަރާލައިގެން ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ. މި މައްސަލާގައި ހިމެނޭ ޝަނޫނުގެ މައްޗަށް އިތުރު ދެ ދައުވާއެއް ވެސް ވަނީ ކޮށްފަ އެވެ. އެއް ދައުވާ އަކީ ޒިޔަދަމްގެ ހަށިގަނޑު ނަގައިގެން ހެލްތު ފޯސްޓަށް ގެންދިޔަ މީހަކަށް ޝަނޫން ހަމަލާ ދިނުމުގެ ސަބަބުން އެމީހާގެ އަތުން ޒިޔަދަމް ދޫވެގެން ވެއްޓިފައިވާ މައްސަލާގައި އުފުލި މާރާމާރީ ހިންގުމުގެ ދައުވާ އެވެ. އަދި އެ ރޭ ހެލްތު ޕޯސްޓް ކުރިމަތީ ހުރި މީހަކަށް އޭނާ އިންޒާރުދީފައިވާތީ ބިރު ދެއްކުމުގެ ދައުވާއެއް ވެސް ޝަނޫނުގެ މައްޗަށް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ