ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ފާރިސް ކާމިޔާބު ކުރައްވައިފި
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު ފާރިސް މައުމޫން ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި އެވެ. ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދު ގައްޔޫމްގެ ދަރިކަލުން ފާރިސް މި ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ 1،232 ވޯޓުންނެވެ. އޭނާއާ އެންމެ ބޮޑަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރާޒީއަށް ލިބިވަޑައިގަތީ 756 ވޯޓެވެ. އިންތިހާބުގައި ޖުމުލަ ހަ ވޯޓު ފޮށި ބަހައްޓާފައިވާއިރު، އެ ހުރިހާ ފޮއްޓަކުން ވެސް ކުރި ހޯއްދެވީ ފާރިސް އެވެ. ވޭވަށާއި ރަތްމަންދޫގެ ވޯޓު ފޮށިން ކާމިޔާބު ހޯއްދެވީ ފާރިސް އެވެ. ރަތްމަންދޫގައި ބެހެއްޓި ވޯޓު ފޮށިން ފާރިސް އަށް 60 ވޯޓު ލިބިވަޑައިގެންނެވިއިރު، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ރާޒީ އަށް ލިބިވަޑައިގަތީ 24 ވޯޓެވެ. އަމިއްލަ ގޮތުން ކުރިމަތިލެއްވި ޝަމީމް އަލީ އަށް ރަތްމަންދޫން ލިބިވަޑައިގަތީ އެންމެ ވޯޓެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އަނެއް ކެންޑިޑޭޓް މޫސާ ނަސީރު އަހުމަދަށް ލިބިވަޑައިގަތީ ތިން ވޯޓެވެ. ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ފާރިސް އަށް ކާމިޔާބު ވުމުން، ދިއްގަރުގައި ތިބި އޭނާގެ ބައެއް ސަޕޯޓަރުން އުފާފާޅު ކުރަނީ.---ފޮޓޯ: މުރުޝިދު ވޭވަށުން ފާރިސް އަށް ލިބިވަޑައިގަތީ 90 ވޯޓެވެ. ރާޒީ އަށް ލިބިވަޑައިގަތީ 58 ވޯޓެވެ. ޝަމީމަށާއި މޫސާ ނަސީރު އަހުމަދަށް ވޭވަށުން އެންމެ ވޯޓެއް ވެސް ލިބިވަޑައެއް ނުގަންނަވަ އެވެ. މަޑުއްވަރީގައި ބެހެއްޓި ވޯޓު ފޮށިން ވެސް ކުރި ހޯއްދެވީ ފާރިސް އެވެ. އޭނާ ވަނީ އެ ފޮށިން 116 ވޯޓު ހޯއްދަަވައިފަ އެވެ. ރާޒީ އަށް ލިބިވަޑައިގަތީ 108 ވޯޓެވެ. ޝަމީމަށް ލިބިވަޑައިގަތީ 28 ވޯޓެވެ. މޫސާ ނަސީރު އަހުމަދަށް ލިބިވަޑައިގަތީ އެންމެ ވޯޓެކެވެ. އެންމެ ވާދަވެރި ކެމްޕެއިނެއް ކުރިއަށް ގެންދިޔަ ދިއްގަރުން ފާރިސް އަށް ލިބިވަޑައިގަތީ 352 ވޯޓެވެ. ރާޒީއަށް 270 ވޯޓެވެ. އަދި ޝަމީމަށް ތިން ވޯޓު، ނަސީރަށް ހަތަރު ވޯޓު ދިއްގަރުން ލިބިވަޑައިގަތެވެ. މުލީގައި ބެހެއްޓި ވޯޓު ފޮށިން ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ފާރިސް އެވެ. އޭނާ ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރާޒީއާ ވާދަކުރައްވައި މުލިން 322 ވޯޓު ހޯއްދަވައިފަ އެވެ. ރާޒީއަށް ލިބިވަަޑައިގަތީ 99 ވޯޓެވެ. ޝަމީމަށް ފަސް ވޯޓު ލިބިވަޑައިގެންނެވިއިރު، މޫސާ ނަސީރު އަހުމަދަށް ލިބިވަޑައިގަތީ 16 ވޯޓެވެ. މާލޭގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ އަށް ބަލާއިރު ފާރިސް ވަނީ 291 ވޯޓު ހޯއްދަވައިފަ އެވެ. ރާޒީ އަށް ލިބިވަޑައިގަތީ 198 ވޯޓެވެ. ޝަމީމަށް ލިބިވަޑައިގަތީ 15 ވޯޓެވެ. މޫސާ ނަސީރަށް ލިބިވަޑައިގަތީ ހަތް ވޯޓެވެ. މި އިންތިހާބުގައި ވޯޓުލުމަށް 2،555 މީހަކު ރަޖިސްޓްރީ ކޮށްފައިވާއިރު 73 ޕަސެންޓް މީހުން ވޯޓުލި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ