ހިތަދޫ މެދު ދާއިރާގެ އިންތިޚާބު ބާތިލްކުރަން ހުށަހެޅި މައްސަލަ ކޯޓުން ބަލައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ. އެ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް އެދި ހުށަހަޅާފައިވާ ޕީޕީއެމްގެ ފަރާތުން އެ ދާއިރާއަށް ވާދަކޮށް، ނާކާމިޔާބުވި މުހައްމަދު ރަޝީދު (ހިޔަލީ) އެވެ. އެ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރީ އެމްޑީޕީގެ ފަރާތުން ވާދަކުރި ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އެވެ. މުހައްމަދު ރަޝީދުގެ ވަކީލް އަދި ތުލުސްދޫ ދާއިރާއަށް އިންތިޚާބުވެފައިވާ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަށް ގުޅުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އެ މައްސަލައާ ގުޅޭ ތަފްސީލް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ މައްސަލަ އެ ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ. އެ ދާއިރާގެ އިންތިޚާބު ބާތިލް ކުރަން ހުށަހެޅިއިރު ށ. ފުނަދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް ވެސް އެ ދާއިރާއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓަކު ވެސް ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށްވެ އެވެ. އިންތިޚާބާ ބެހޭ އާންމު ގާނޫނު ބުނާގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ޝަރުއީ މަރުހަލާގެ ތެރެއިން ފުރަތަމަ ބަލާނީ ހައި ކޯޓުންނެވެ. އަދި އެ ބާވަތުގެ މައްސަލަތަކަކީ ދާއިމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ބަލައި ނިންމަންޖެހޭ ބާވަތުގެ މައްސަލަތައް ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ