އެބޯލާއާ ދެކޮޅަށް ހޯދާ ކުރިއެރުމަށް އޮބާމާ ތައުރީފްކުރައްވައިފި
ވޮޝިންޓަން (އޮކްޓޯބަރު 29) - ހުޅަނގު އެފްރިކާގައި ފެތުރެމުންދާ އެބޯލާ ބައްޔާ ދެކޮޅަށް ހޯދާ ކުރިއެރުންތަކަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިއްޔެ ތައުރީފް ކުރައްވައިފި އެވެ. ހުޅަނގު އެފްރިކާގެ ތިން ގައުމު ކަމަށްވާ ސިއަރަ ލިއޯން، ގިނީ އަދި ލައިބީރިއާގައި މިހާތަނަށް ގާތްގަނޑަށް 5،000 މީހުން މަރުވެފައިވާ ބައްޔާ ބެހޭ ގޮތުން އޮބާމާ ވިދާޅުވީ އެބޯލާ އަށް ދޭނެ ފަރުވާ ހޯދުމަށް އެމެރިކާ އިން ކުރަމުންދާ މަސައްކަތަށް އެންމެ ތަންފުކެއް ވެސް ދޫނުދެއްވާނެ ކަމަށެވެ. އަދި އެބޯލާއާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަނެއްކޮޅުން ރެޑް ކްރޮސް އިން ވަނީ އެބޯލާ ފެތުރޭ ނިސްބަތް ދަށް ކުރެވިފައިވާ ކަމަށް ބުނެފަ އެވެ. އެބޯލާ ޖެހިގެން ގާތްގަނޑަށް އެންމެންހެން ވެސް މަރުވެފައި ވަނީ ހުޅަނގު އެފްރިކާ އިންނެވެ. ނަތީޖާއެއްގެ ގޮތުން ހުޅަނގު އެފްރިކާ އަށް ދަތުރުކުރާ ފްލައިޓްތައް ކެންސަލްކޮށް، ސަރަހައްދީ ރޮނގު ވަނީ ބަންދުކޮށްފަ އެވެ. އެބޯލާ އެންމެ ބޮޑަށް ފެތުރޭ ގައުމަކީ ލައިބީރިއާ އެވެ. އެބޯލާ ޖެހިފައިވާ ކަމަށް ބެލެވޭ 10،000 މީހުންގެ ތެރޭން 4،665 މީހުންނަކީ ލައިބީރިއާ މީހުންނެވެ. އެ ގައުމުން ވަނީ 2،705 މީހުން މަރުވެފަ އެވެ. އިތިއޯޕިއާގެ ވެރިރަށް އެޑިސް އަބާބާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އދ. ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ވަނީ އެބޯލާ ފެތުރޭ ސަރަހައްދުތަކަށް އިތުރު މެޑިކަލް ޓީމުތައް ފޮނުވުމަށް އެދިވަޑައިގެންފަ އެވެ. އަދި ރަނގަޅު ވަގުތެއްގައި ލައިބީރިއާ އަށް ދަތުރެއް ކުރައްވަން ގަސްދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. ބާން ވަނީ އދ. އާއި އެފްރިކަން ޔޫނިއަން އަދ. ވޯލްޑް ބޭންކުގެ އިސްވެރިންނާ އިތިއޯޕިއާގައި ބައްދަލު ކުރައްވައިފަ އެވެ. ފްރާންސް އިން ވަނީ އެބޯލާއާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން 20 މިލިއަން ޔޫރޯ (25.4 މިލިއަން ޑޮލަރު) ދޭނެ ކަމަށް ބުނެފަ އެވެ. އަދި ދެކުނު އެފްރިކާގައި ބޯޓުދެލި ނެގުމުގެ މަސައްކަތް ކުރާ ބިލިއަނަރަކު ވެސް ވަނީ އެބޯލާ ފަންޑަށް އެއް މިލިއން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ